އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަޑުހަރުކޮށް ވަކާލާތުކުރަން ފަށާފައިވާއިރު، އެކަމުގެ މުޅި މޫވްމަންޓު ލީޑުކުރީ ރާއްޖޭން ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން، ފަލަސްތީނާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަސް، ދިވެހި ރައްޔިތުން އެދޭ ގޮތަށް މި ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާ ކަމަށެވެ.

ޚަލީލް ވިދާޅުވީ އޭގެ ނަތީޖާއަކީ، އަރަބި އިސްލާމީ ގައުމުތަކާ އެކު ގުޅުންތައް ބޭއްވުމާއި، އޭގެ އިތުރުން ފަލަސްތީނުގެ ކޯޒްގައި އެންމެ ވަރުގަދައަށް، ކިތަންމެ ކުޑަ ގައުމެއް ވިޔަސް މަސައްކަތްކުރާ ގައުމަކީ ރާއްޖެކަން ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގަތުން ކަމުގަ އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުން، އިސްލާމީ އުއްމަތުގެ ތައުރީފް ރާއްޖެއަށް ލިބުނުކަން ފާހަގަކުރައްވައި މިނިސްޓަރު ޚަލީލް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން، ވިލާތުގެ ބޮޑެތި ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ތެދުވެ، އަޑުހަރުކޮށް ވާހަކަ ދައްކަން ފަށައިފަ ކަމުގަ އެވެ.

"މުޅި މޫވްމަންޓް ހަގީގަތުގައި ލީޑުކުރީ ރާއްޖޭން. ރާއްޖޭގެ ރައްޔިތުންގެ އެދުމުގެމަތީން،"
ހަލީލް ވިދާޅުވި އެވެ.

ޚަލީލް އިތުރަށް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެ ނިންމުމުގެ ސަބަބުން އިސްލާމީ އުއްމަތާ ރާއްޖެ އިތުރަށް ގާތްވެގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.