އެންސްޕާއިން އިޖްތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރެއިން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހިދުމަތްދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތަކަށް 1.5 ބިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންސްޕާއިން ނޮވެމްބަރު 2023 އިން ޖުލައި 2024ގެ ނިޔަލަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށެވެ. އެއީ 367 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ބޭރުގެ ހޮސްޕިޓަލްތަކަށެވެ. އެ ތަންތަނަށް 349 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
އެންސްޕާއިން ނުދައްކާ ފައިސާގެ އިތުރު ތަފްސީލް
● ކްލިނިކްތަކަށް: 330 މިލިއަން ރުފިޔާ
● ފާމަސީތަކަށް: 325 މިލިއަން ރުފިޔާ
● ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް: 164 މިލިއަން ރުފިޔާ
އެ ރިޕޯޓުގައިވާ ގޮތުން ނޮވެމްބަރު 2023 އިން ޖުލައި 2024ގެ ނިޔަލަށް އެންސްޕާ އިން 872 މިލިއަން ރުފިޔާ ބިލްތަކަށް ދައްކާފައިވެ އެވެ. އެކަމަކު 663 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.
ނޮވެމްބަރު 2023 ގެ ނިޔަލަށް ދައުލަތުގެ އިދާރާތަކަށް ދައްކަން ޖެހޭ 125 މިލިއަން ރުފިޔާ ވެ އެވެ. އަދި ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ 101 މިލިއަން ރުފިޔާ އާއި ރާއްޖޭގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ 81 މިލިއަން ރުފިޔާ ވެސް ހުއްޓެވެ.
އެންސްޕާއިން ފާމަސީތަކަށް ދައްކަން ޖެހޭ 136 މިލިއަން ރުފިޔާގެ ބިލްތައް ހުރި އިރު ރާއްޖޭގެ އެކި ކްލިނިކްތަކަށް ދައްކަން ޖެހޭ 48 މިލިއަން ރުފިޔާ ވެސް އެބަ ހުއްޓެވެ.
އާސަންދައިން އެކި ސިއްހީ ހިދުމަތްދޭ އިދާރާތަކަށް ދައްކަން ޖެހޭ ބިލްތަކުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އެންސްޕާ އާއި އާސަންދައިގެ ޕެންޑިން ބިލްތަކުގެ މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީން ބެލީ އޭޑީކޭ ހޮސްޕިޓަލުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.