ސައިފް އަލީ ޚާންއާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ޚާންއަކީ ބޮލީވުޑްގައި ނަން މަޝްހޫރު ދެތަރިން ނަމަވެސް އެ ދާއިރާގެ އެންމެ މަގްބޫލް އެއް ޑައިރެކްޓަރު ކަމަށްވާ ސަންޖޭ ލީލާ ބަންސާލީއާއެކު އެއިން އެކަކުވެސް މަސައްކަތް ކޮށްފައެއް ނުވެ އެވެ.

އެހެނެއް ކަމަކު މީގެ އަހަރުތަކެއް ކުރިން ކަރީނާ ވަނީ ސަންޖޭއާއެކު ދުވަހަކު ވެސް މަސައްކަތް ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އޭގެ ސަބަބަކީ 2000 ވަނަ އަހަރު ސަންޖޭ އުފެއްދި ފިލްމު ދޭވްދާސް އެވެ.

ބުނެވޭ ގޮތުގައި ދޭވްދާސްގެ މަސައްކަތް ފެށިގެން އައިއިރު ސައިފްއަށް ފިލްމުގެ ރޯލެއް ދޭން ސަންޖޭ ނިންމި އެވެ. އެހެން ނަމަވެސް އެ ރޯލު ފަހުން ލިބުނީ ޖެކީ ޝްރޮފް އަށެވެ.

ސައިފް ބުނީ އެ ފިލްމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށާއި އެހެން ނަމަވެސް އެ ރޯލު އެހެން އެކްޓަރަކަށް ދެވުނުކަން އޭނާއަށް ސަންޖޭގެ ޓީމުން ނުވެސް އަންގާ ކަމަށެވެ.

ސައިފްގެ އިތުރުން އޭނާގެ މިހާރު އަންހެނުން ކަރީނާއަކީ ވެސް އެ ފިލްމުގެ ރޯލަކަށް އޮޑިޝަންކުރި ތަރި އެކެވެ. އެ ރޯލުން ފެނިގެންދިޔައީ އައިޝްވާރްޔާ ރާއީ އެވެ.

އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކަރީނާ ބުނީ ހުރިހާ ކަމެއް ހަމަޖެހިފައިވަނިކޮށް އޭނާގެ ބަދަލުގައި އެހެން އެކްޓަރެއް ބޭނުން ކުރުމުން ހިތުގައި ޖެހުނު ކަމަށާއި އެހެން މަސައްކަތެއް ނުލިބުނަސް ސަންޖޭއާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ.

އޭގެ ފަހުން ސައިފްއާއި ކަރީނާ ވެސް ކާމިޔާބު ފިލްމުތަކަކުން ފެނިފައިވާއިރު ސަންޖޭއާއެކު ދުވަހަކު ވެސް މަސައްކަތް ކޮށްފައެއް ނުވެ އެވެ.