ނުރައްކާތެރި މިންވަރަކަށް މާއްދާއެއް އެކުލެވޭ އެމެރިކާގެ އުފެއްދުމެއް ރާއްޖޭގައި ވިއްކުން މިއަދު މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ"ގައި ބެންޒޮއިކް އެސިޑް ކިޔާ މާއްދާއެއް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރުމުގެ ސަބަބުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކަން އަދި ނައްތާލުމަށް އަންގާފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އުފެއްދުން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭއަށް ގުޅުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެ އެވެ.