ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލް ހުށަހެޅުމުގެ ފަހަތުގައި އޮތީ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުން ކަމަށް ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ މޫސާ ލަތީފް ވިދާޅުވެއްޖެ އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލް ހަންނާން މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އެންގެވުމަށެވެ.
އެ ބިލާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކުރުމަށް ތަޖުރިބާކާރު ބައެއް ނޫސްވެރިން މިއަދު ވަނީ ނިވްސް ކޮންފަރެންސެއް ބާއްވާފަ އެވެ.
އެ ނިވްސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނޫސްވެރިކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ މިއީ ކަންބޮޑުވާންޖެހޭ ބިރުވެރި ބިލެއް ކަމަށެވެ.
އޭނާ ވިދާޅުވީ މުޅި ބިލް ދިރާސާކޮށްލުމުން އޭގެ މަގުސަދަކީ ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރުން ކަން ސާފުވާ ކަމަށެވެ.
މި ބިލު ފަރުމާކޮށްފައި ވަނީ މެލޭޝިޔާ ފަދަ ނޫސްވެރިކަމުގެ މިނިވަންކަން ނެތް، އަދި އިދިކޮޅަށް ވެސް ނޫސްވެރިކަމުގެ މިނިވަންކަން ކުރަން ހަނިވެފައިވާ ގައުމުތަކުގައި އަމަލުކުރަމުންދާ ފަދަ ގޮތްތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނެއްހެން ބަލަންޏާ މިއީ ބޮޑު މަސްހުނިގަނޑެއް، މީގަ ފަހަތުގައި ފޮރުވިފައި އޮތީ ހަމަ ރާއްޖޭން މިހާރު އޮތް މިނިވަން މީޑިއާ ހިފެހެއްޓުން، ސަރުކާރުން ކޮންޓްރޯލްކުރުން،" މޫސަ ވިދާޅުވި އެވެ.
އަދަދު ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ އެ ބިލަކީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް'ގެ މައްޗަށް އެކުލަވާލާފައިވާ ބިލެއް ކަމަށް ސަރުކާރަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ވިދާޅުވި ނަމަވެސް ބިލް ފަރުމާކޮށްފައި ވަނީ މުހައްމަދު މުއިއްޒުގެ ބާރުގެ ދަށަށް ނޫސްތައް ގެނެވޭގޮތަށް ކަމަށެވެ.
އެ ބިލާ މެދު ކުރަންޖެހޭ އެއްވެސް މަޝްވަރާއެއް ނެތް ކަމަށާއި އެއީ އެއަށްވުރެ މާ ގޯސްކޮށް އޮތް ބިލެއް ކަމަށް ފިޔާޒް ވިދާޅުވި އެވެ.