ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު, މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ރައީސަށާއި ސަރުކާރަށް ލިބޭގޮތަށް ހުށަހަޅާފައިވާ ބިލާއެކު, ކަންކަން ހާމަ ކުރުމަށް ޓަކައި ދެން ގިނަވާނީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އައިޑީތައް ކަމަށް, ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރު ޖަލްސާއެއް މިއަދު ބާއްވަވައި މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލަށް އިސްކަން ދީފައިވާއިރު މަޖިލީހުގެ ބޭރުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެމްޑީޕީ މެމްބަރުން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.

ސަރުކާރާއި ރައީސަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ދޭ ބިލަށް ތާއީދުކޮށް, ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ދައްކަވާ ވާހަކައިގައި ނޫސްތަކުން ފަތުރަނީ ދޮގު ކަމަށާއި މީހުންގެ އަބުރު ކަތިލަނީ ކަމަށް ދަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި ދޮގު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ ކުރާ ވައްކަންތަކުގެ ވާހަކަ ދެއްކިޔަ ނުދިނުމަށެވެ.

މަޖިލީހުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން, ފިއްޓޭ ވިދާޅުވީ މި ބިލަކީ މިހާރު މި ހިނގާ މަޖިލީހުގައި ބިލަކާ ގުޅިގެން އެންމެ ގިނައިން, ގުރުއާނާއި ރަސޫލާގެ ޙަދީޘުން ދަލީލު ދެއްކި ބިލް ކަމަށެވެ. ނަމަވެސް ކިތަންމެ މަސައްކަތް ކުރި ނަމަވެސް ރާއްޖޭން ދެން މިނިވަން ނޫސްވެރިކަން ނުފޮހެވޭނެ ކަމަށާއި ވައްކަން ކުރާނަމަ އެ ވާހަކަ ދައްކާނެ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.

މި ސަރުކާރުން ސިނގިރޭޓާ ދެކޮޅަށް ފާސްކުރި ބިލާއެކު ރާއްޖޭގައި އިތުރުވީ ވަގު ސިނގިރޭޓް ކަމަށާއި މި ބިލް ފާސްކޮށްފިނަމަ ދެން ގިނަ ވާނީ "ކުރުސީ" ކަމަށް ފިއްޓޭ ވިދާޅުވި އެވެ.

ފިއްޓޭ އެ ފާހަގަ ކުރެއްވީ އެކްސްގައި ހިންގާ "ހަސަން ކުރުސީ" ފަދަ އެކައުންޓްތައް ގިނަ ވާނެ ވާހަކަ އެވެ. ހަސަން ކުރުސީގެ އެކައުންޓުން ގެންދަނީ ގިނަ ކަންތައްތަކެއް ފަޅާއަރުވަމުންނެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ ބައްޕާފުޅުގެ ފޮތުން ފިލާވަޅު ލިބިވަޑައިގެން ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާތީ ފިއްޓޭގެ ވާހަކައިގައި އެ ފޮތަށް އިޝާރާތް ކުރެއްވެވި އެވެ. އެ ފޮތަކީ ރައީސްގެ ބައްޕާފުޅު، ދީނީ އިލްމުވެރިޔާ އަދި ސަރުއީ ދާއިރާގެ ތަޖުރިބާކާރުހުސައިން އަބްދުއްރަހްމާން ލިޔުއްވާފައިވާ "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަހްފޫމް" ފޮތެވެ.

ފިއްޓޭ ވިދާޅުވީ ރައީސް ވެރިކަން ކުރައްވާއިރު ގައިޑަކަށް ބައްލަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި ފޮތުގައި މީޑިއާމެދު އޮތް ގޮތް ބައްލަވާލެއްވި ކަމަށެވެ. އެ ފޮތުގެ 69 ވަނަ ސަފްހާގައި ބުނެފައި ވަނީ މިނިވަން މީޑިއާއަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށް ފިއްޓޭ ވިދާޅުވި އެވެ.

ފިއްޓޭ ވިދާޅުވީ އެ ފޮތުގެ 340 އިން 360 އަށް ވިދާޅުވުމުން ސީދާ ފެންނާނީ ރައީސް މުއިއްޒުގެ "ކުލަ ފޮޓޯއެއް" ކަމަށެވެ.

މީޑިއާގެ އެއްވެސް ތަޖުރިބާއެއް ނެތް, ސަރުކާރާ ވަރަށް އަރިސް މެންބަރު ހަންނާން, މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރާއި ރައީސަށް ލިބޭގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މިނިވަން ނޫސްވެރިކަން ހުއްޓުވާލަން ކުރެވެން ހުރި ހުރިހާ ކަމެއް ހިމަނާފައިވާ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.

މި ބިލް އޮތްގޮތުން މި ބިލް ގާނޫނަކަށް ވުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ވެސް އަދަބު ދެވޭ ކަމަށާއި އެހެންކަމުން މިއީ ގާނޫނުއަސާސީއާ ސީދާ ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ފިއްޓޭ ވިދާޅުވި އެވެ.