ރާއްޖޭގެ ނޫސްވެރިން އަނިޔާވެރިކޮށް މަރާލަން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ދޮގު ހަބަރު ފެތުރި ކަމަށެވެ. އެހެންވެ ނޫސްވެރިން "އުލުބައިންދަން" ފަލާހު ގޮވާލި އެވެ.
ދިވެހި ރަދީފުގައި އުލުބޭންދުމުގެ މާނަ:
"މާ އިހު ޒަމާނުގައި މީހުން މަރަން ހަދާ ގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާ ގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީ އެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަނީ އެވެ."
ފަލާހުގެ އެ ވާހަކައަށް ޕީއެންސީގެ ބައެއް މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ.
ސަރުކާރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާ ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ބިލް ހުށަހެޅީ ރައީސް މުއިއްޒަށް ވެސް އެކަން އެނގިގެންނެވެ. އަދި އެ ބިލް ބަލައިގަންނަން މިއަދު މަޖިލީހުން ފާސްކުރީ ރައީސް މުއިއްޒު އެކަމަށް ރުހުން ދިނުމުންނެވެ.
ރައީސް މުއިއްޒު ބޭނުންވަނީ އެ ބިލަށް ކުދިކުދި ބަދަލުތަކެއް ގެނައުމަށްފަހު ފާސްކުރުމަށެވެ.
މީޑިއާތަކާއި ވަކި ވަކި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭފަދަ ބިލެއް ފާސްކުރަން އުޅެނީ ސަރުކާރުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފަޅާއަރުވާތީ އެކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ.