ރޯދަމަހަކީ އާއްމު ކޮށްވެސް އަހަރުމެންގެ ކެއިންބުއިމަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. ގިނަ ބާވަތްތަކަކާއެކު ސުފުރާމަތި މުއްސަނދި ވާ މަހެކެވެ. އެކި ގޭގެއިން އެކި ބާވަތްތަކެވެ. އެކި ރަހަ ތަކެވެ.
ނަމަވެސް ހުރިހާ ގެއަކުންވެސް ފާހަގަވާ އެއްގޮތް ކަމެއް ވެ އެވެ. ބަދަލު ނުވާ އެއް ކަމެއް އޮވެ އެވެ. އެއީ ރޯދަ ސުފުރާ ފަޅުފިލުވައިދޭ ހެދިކާގެ އެކި އެކި ބާވަތްތަކެވެ.
ރޯދަ މަހު ރޯދަ ވިއްލަން ހެދިކާ ހެދުމަކީ ދިވެހިންގެ ޒަމާންވީ އާދައެކެވެ. އެހެނީ ރޯދަ ވީއްލަން ހެދިކާގެ ބާވަތެއް ނުހުންނަ ގެއެއް ރާއްޖޭގައި މަދުވާނެ އެވެ.
ނަމަވެސް ސުވާލަކީ މިއީ ރަނގަޅު އާދައެއްތޯ އެވެ؟ ދުވާލު ހަތަރުދަމު ހުސްބަނޑާ ހުރުމަށްފަހު، ކާ ފުރަތަމަ ކެއުމަކީ ތެލުގެ ބާވަތަކަށް ހެދުން އެއީ އެންމެ ހެޔޮ ވިސްނުންތޯ އެވެ.
ހެދިކާއަކީ އޭގެ ޒާތުގައި ގިނަ އަދަދަކަށް ހަކަތަ އެކުލެވިގެންވާ ބާވަތްތަކެކެވެ. ދުވާލު ގަޑީގައި ގޮހޮރުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު އަލުން ފަށައިގަންނަ ގަޑީގައި ހެދިކާ ކެއުމަކީ އެންމެ އެދެވޭ ގޮތުގައި ހަޖަމް ކުރުމުގެ ނިޒާމް މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކަމެއް ކަމުގައި ސިއްހީ މާހިރުން ވިދާޅުވެ އެވެ. ނަތީޖާއަކަށް ވަނީ ރޯދަ ވީއްލުމާއެކު ލޮޑުވެ ބަރުދަން އިތުރުވުމަށް މަގު ފަހިވުމެވެ.
މި ސަބަބަށްޓަކައި ޑައިޓީޝަން އާސިއާ އަބްދުއްރަހީމް ލަފާ ދެއްވާފައިވަނީ ރޯދަވީއްލާ ގަޑީގައި މަހުގެ ބާވަތްތަކާއި ގޮވާމުގެ އިތުރުން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބޭނުން ކުރުމަށެވެ. ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް ހަމަހަމަ އަށް ހިމަނައިގެން ނާސްތާ ކުރުމަށެވެ.
މި ހުރިހާ ކަމެއް މިހެން ހުރިއިރު އަހަރުމެންގެ އާދަތައް ބަދަލު ކުރާކަށް ނުވޭ ހެއްޔެވެ؟ ރޯދަ ވީއްލަން ހެދިކާ ހެދުމުގެ ސަގާފަތް ދޫކޮށްލާކަށް ނުވޭ ހެއްޔެވެ؟ ސިއްހަތު ރަނގަޅު ދިރިއުޅުމަކަަށް އަމާޒު ހިފަމާ ހެއްޔެވެ؟ ދުޅަހެޔޮ އާއިލާއަކަށް މިންހެޔޮ ކެއުމެއް އިޚްތިޔާރު ކުރަމާ ހެއްޔެވެ؟