ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން އަންހެން ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، އާލިއާ ބަޓް އަދި ކެޓްރީނާ ކައިފް އެކުގައި ފިލްމަކުން ފެންނާނެ ކަމަށް 2021 ވަނަ އަހަރު ޑައިރެކްޓަރު ފަރްހާން އަޚްތަރު އިއުލާން ކުރުމުން ގިނަ ބަޔަކު އެ ފިލްމަށް އިންތިޒާރު ކުރި އެވެ.
އޭގެ ފަހުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ފިލްމާ ގުޅޭޭގޮތުން އެކި ކަހަލަ ވާހަކަތައް އަޑު އިވުނުއިރު ފިލްމު ކެންސަލް ކުރެވިފައިވާ ކަމަށް ވެސް އަޑު ފެތުރުނެވެ.
އެހެން ނަމަވެސް ދާދި ފަހުން ފަރްހާން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެ ފިލްމުގެ އެންމެ ފަހުގެ ހަބަރުތައް ބެލުންތެރިންނާ ހިއްސާ ކޮށްފަ އެވެ.
އެގޮތުން އެ ފިލްމު ހުއްޓިފައިނުވާ ކަމަށާއި އެއީ ކޮންމެވެސް ދުވަހަކުން ނިމޭނެ މަސައްކަތެއް ކަމަށް ފަރްހާން ބުންޏެވެ. އެ ފިލްމުގެ ވާހަކައަކީ ފިލްމެއް ނުހަދާ ދޫކޮށް ނުލެވޭ ވަރުގެ ވާހަކައެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އެހެން ނަމަވެސް ފިލްމުގެ ލީޑު ތަރިންނާ ބެހޭގޮތުން ސުވާލު ކުރުމުން އެ ކަމާމެދު އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށް ފަރްހާން ބުންޏެވެ.
ބުނެވޭ ގޮތުގައި ފިލްމުގެ މަސައްކަތްތައް މިހާތަނަށް ވެސް ލަސްވެފައިވަނީ ލީޑު ތިން ތަރިންގެ ޝެޑިއުލްތައް ދިމާނުވެގެންނެވެ. އެކަން އާލިއާ ވެސް ވަނީ މީގެ ކުރިން ޔަގީން ކޮށްދީފަ އެވެ.
"ޖީ ލޭ ޒަރާ"އަކީ ބޮލީވުޑްގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމަށް ވާއިރު ދެން އެ ފިލްމުގެ ލީޑު ރޯލުތަކުން ފެންނާނެ ތަރިން ވެސް އަދި ނޭނގެ އެވެ.