ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހުގެ މައްސަލަ ތަހުގީގުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ފަލާހުގެ މައްސަލަ ތަހުގީގުކުރަން ޕީޖީގެ ލަފަޔަކަށް ފުލުހުން އެދުމަކީ ގާނޫނު އޮޅުވާލުން ކަމަށެވެ.

"އެހެންވީމާ އެމީހުންނާ ދޭތެރޭ ފިޔަވަޅުއަޅަން އަނެއްކާވެސް ޕީޖީގެ ލަފާހޭ ހޯދަންވީ. ފުލުހުންގެ މުއައްސަސާއަކީ ހުރިހާ ކަމެއް ކުރާކަށް ޕީޖީގެ ލަފާ ހޯދަން ޖެހޭ ބައެއް ނޫނޭ. ޕީޖީއަކީ މިނިވަން ތަނެކޭ. ފުލުހުންގެ އިދާރާއަކީ ވެސް މިނިވަން ތަނެކޭ. ތަހުގީގެއް ހިނގާއިރު ކޮންމެ ކަމެއްގައި ފުލުހުން ނުޖެހެޔޭ ޕީޖީގެ ލަފާ ހޯދާކަށް. އެ އުޅެނީ ގާނޫނު މުޅިން އޮޅުވާލައިގެން،" ޔާމީން ވިދާޅުވި އެވެ.

ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބަހުސް މަރުހަލާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް އުލުބައިންދަން ގޮވާލައްވާފަ އެވެ.

ދިވެހި ބަހުގެ ރަދިފްގައި ވާގޮތުން އުލުބޭންދުމުގެ މާނައަކީ އަނިޔާވެރިކޮށް މީހަކު މަރާލުމެވެ.

ޔާމީން ވިދާޅުވީ ފަލާހުގެ މައްސަލައިގައި ފުލުހުން އެފަދައިން އަމަލުކުރުމަކީ ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.