ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއަށް ހިލޭ ރޯ ހައުސްއެއް ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ސުޖާއު ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން 2015 ވަނަ އަހަރު އޭނާއަށް ލިބުނު ރޯ ހައުސްއަކީ އޭނާ އޭރު ވަޒީފާ އަދާކުރި ކުންފުނިން ހަދިޔާގެގޮތުގައި ދިން އެއްޗެކެވެ. ހުޅުމާލެއިން ލިބިފައިވާ އެ ރޯ ހައުސްގެ އަގަކީ 3.5 މިލިއަން ރުފިޔާއެވެ.
ޝުޖާއުގެ ނަމުގައި ހއ. ބާރަށުން 300،000 ރުފިޔާއަށް ގަނެފައިވާ ބިމެއް އެބައޮތްކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ. އެ ބިންގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަށް ޝުޖާއު ވިދާޅުވެ އެވެ.
ހުޅުމާލޭ ރެއިންޕާލް ރެޒިޑެންސުން 7.2 މިލިއަން ރުފިޔާއަށް ލަގްޒަރީ ފްލެޓެއް ގަނެފައިވާ ކަމަށް ވެސް މާލީ ބަޔާނުގައިވެ އެވެ. ޝުޖާއު ވިދާޅުވީ އެއީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ގަނެފައިވާ ފްލެޓެއް ކަމަށެވެ.
ހުޅުމާލެއިން 9.4 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފައިވާ ކަމަށް މާލީ ބަޔާނުން ދައްކާއިރު، ޝުޖާއު ވިދާޅުވަނީ އެއީ ވެސް ލޯނުން ލިބުނު ފައިސާ އިން ގަނެފައިވާ ބިމެއް ކަމަށެވެ.
ސުޖާއުގެ އެކައުންޓުތަކުގައި ދިވެހި ރުފިޔާއިން ހުރީ އެންމެ 80،234 ރުފިޔާ އެވެ. އެކައުންޓުތަކުގައި 700 ޑޮލަރު އެބަހުއްޓެވެ. ނަގުދު ފައިސާގެ ގޮތުގައި 5780 ރުފިޔާ އާއި 3200 ޑޮލަރާއި 13،100 ސްރީ ލަންކަން ރުފީސް އާއި 150 ޔޫއޭއީ ދިރްހަމް ހުރި ކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.
ޝުޖާއު ތިން ފަހަރެއްގެ މަތިން ނަގާފައިވާ ދަރަންޏަށް 4.6 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ވެސް މާލީ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭނާގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އިން ވެސް ފަސް މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށް މާލީ ބަޔާނުން އެނގެ އެވެ.
މީގެއިތުރުން ހަތް މިލިއަން ރުފިޔާގެ އަގުހުރި މަސް ދޯންޏެއް ވެސް ވެސް ޝުޖާއުގެ އަތުގައި އޮތްކަން މާލީ ބަޔާނުން އެނގެ އެވެ.
މައްސަލައެއް ކޮބާ އޭނާ އަކީ މަޖުލިސް މެމްބަރެއް؟؟؟ ފައިސާ ލިބޭނެ ކިތައްމެ ގޮތެއް އެބަހުރި ނޫންތޯ.؟؟؟
ރިޕްލައި