ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން 200 ވަރަކަށް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި ޒިންމާ އަދާނުކުރާ މުވައްޒަފުން ވަކިކުރާނެ ކަމަށް ބުނެފި އެވެ.

އަހުމަދު އައިފާން ކިޔާ މީހަކު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ޓެގްކޮށް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 400 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިން 200 ވަރަކަށް މުވައްޒަފުން ކަނޑާލަން އޮނިގަނޑެއް ހަދަން ފަށާފައިވާ ކަމަށެވެ. އަދި އެ އޮނިގަނޑު ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އަލީ ޚާލިދު ގަޔާނުވާ މުވައްޒަފުން ވަކިކުރުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އެ ޓުވީޓުގެ ރައްދު އަލީ ދެއްވީ ދޮގު ޚަބަރު ފެތުރުމާ ބެހޭ ގޮތުން އޮންނަ ގުރުއާނުގައި އޮންނަ އާޔަތެއްގެ މާނައާއެކު އެވެ. އަދި އެ ކުންފުނިން 200 މުވައްޒަފުން ވަކި ނުކުރާނެ ކަމަށާއި އެކަމަކު ޕާފޯމް ނުކުރާ މުވައްޒަފުން ވަކިވާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ ދައުލަތުގެ މީޑިއާ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރާން އުޅޭކަމުގެ އަޑު ފެތުރިފައިވާތީ ބައެއް މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މިތަނަށް މީހުން ވައްދާ ވަރަކަށް އެބަ ވައްދާ. އެނެއްކޮޅުން ރީސްޓްރަކްޗާކުރާ ވާހަކަ ވެސް ދެކެވޭ. ވާނުވާއެއް ނޭނގެ،" އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.