ހޮލީވުޑްގެ މަޝްހޫރު ބިރުވެރި ފިލްމު ފްރެންޗައިޒް "ކޮންޖުއަރިން"ގެ އެންމެ ފަހުގެ ފިލްމު މިހާރު ސިނަމާތަކުގައި ދައްކަމުން އަންނައިރު ފިލްމު ބެލި ގިނަ ބަޔަކު އެ ފިލްމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރި "ކޮންޖުއަރިން: ދަ ލާސްޓް ރައިޓްސް"އަކީ އެ ފިލްމު ފްރެންޗައިޒްގެ ނުވަވަނަ ފިލްމަށްވާއިރު މިއީ މިހާތަނަށް ނެރުނު އެންމެ ފެންވަރު ދެރަ ފިލްމު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
"ކޮންޖުއަރިން: ލާސްޓް ރައިޓްސް ބަލަން ހިތުގައި އޮތްނަމަ އެ ފައިސާއިން އެހެން ކަމެއް ކުރުން ވެސް މާ ރަނގަޅުވާނެ" ފިލްމު ބެލި މީހަކު އެކްސްގައި ކޮމެންޓް ކޮށްފައިވެ އެވެ.
ބުނެވޭ ގޮތުގައި އެ ފިލްމުގެ ވާހަކައިގެ ފެންވަރު ދަށްއިރު ފްރެންޗައިޒްގެ ކުރީގެ ފިލްމުތަކާ އަޅާބަލާއިރު ބިރުވެރިކަން ވެސް ވަރަށް ކުޑަ އެވެ.
"ދެ ގަޑިއިރުގެ ފިލްމެއްގައި ހަގީގީ ބިރުވެރިކަން ފެނުނީ އެންމެ ފަހަރަކު. ދެން ހަމަ ވާނުވާ އެނގޭ" އެހެން މީހަކު ޝުއޫރު ފާޅު ކޮށްފައިވެ އެވެ.
މި ޚިޔާލުތަކާއެކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންޖުއަރިން: ލާސްޓް ރައިޓްސްގެ ހައުސްފުލް ޝޯތަކެއް ދައްކަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ.