ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ކުންފުނި، ޑާކްރެއިން އެންޓަޓެއިންމެންޓުން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ "އަލިފާން"ގެ ރަސްމީ ޓްރެއިލާ ނެރެފި އެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ "އަލިފާން"ގެ ޓްރެއިލާއިން ވެސް ޝައުގުވެރި އެތައް ކަމެއް ފެނިގެންދެ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނީ މި ފިލްމަކީ ދިވެހި މުޖުތަމައުގެ "އަނދިރި ފަރާތް" ދައްކުވައިދޭ ހުރިހާ ގޮތަކުން ވެސް ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.

ޓްރެއިލާގައި ފެނިގެންދާ އެކްޓަރުންގެ އެކްޓިންގެ އިތުރުން އެންމެ ފާހަގަވި އެއް ކަމަކީ ފިލްމުގެ ކެމެރާ މަސައްކަތެވެ. ބެލުންތެރިންގެ ސަމާލުކަން ދަމައިގެނެވޭނެ ހެން އެޑިޓް ކުރެވިފައިވާ މަންޒަރުތަކުން ފިލްމުގެ ޝައުގުވެރިކަން އިތުރު ކޮށްދެ އެވެ.

މުހައްމަދު ފައިސަލް، ޝީލާ ނަޖީބު، ރަވީ ފާރޫގް އަދި ޝަރަފް އަބްދުﷲ ފަދަ ތަރިން މުހިއްމު ރޯލުތަކުން ފެނިގެންދާއިރު އެ ތަރިންގެ ހުށައެޅުން ވެސް ފާހަގަ ކޮށްލެވޭހާ މޮޅެވެ.

ފިލްމު ރިލީޒް ކުރުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު މި ފިލްމަކީ ވެސް ޑާކްރެއިންގެ ކާމިޔާބު ފިލްމުތަކަށް އިތުރުވެގެންދާނެ ބޮޅެއްކަން ޔަގީނެވެ.