ހއ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ދޭ އެއް ފެރީ ތ. އަތޮޅަށް ގެންދާތީ ބޮޑު އަގުގައި ދަތުރުކުރަން ރައްޔިތުންނަށް މަޖުބޫރުވެއްޖެ އެވެ.

ހއ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށީ ނިމިދިޔަ އެމްޑީޕީ ސަރުކާރުންނެވެ. އެ ހިދުމަތް ފެށީ ތިން ފެރީއާއެކު އެވެ. މީގެ ކުރިން ވެސް އެ އަތޮޅުގައި ބޭނުން ކުރާ އެއް ފެރީ އެހެން ސަރަހައްދަކަށް ބަދަލުކުރި އެވެ. އެހެންކަމުން މިހާރު އެ އަތޮޅުގައި ހިދުމަތް ދޭން އޮންނަނީ އެންމެ ފެރީއެކެވެ.

ހއ. އަތޮޅުން ވާހަކަދެއްކި މީހަކު ބުނީ މިހާރު ބޭނުންކުރަމުންދާ ދެ ފެރީގެ ތެރެއިން އެއް ފެރީ ތ. އަތޮޅަށް ގެންދަން ނިންމާފައިވާކަން އެމްޓީސީސީން މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ހއ. އަތޮޅުގައި އާރްޓީއެލްގެ ފެރީ ދަތުރުކުރާ ރަށްތަކަކީ ތުރާކުނުން ފެށިގެން އުލިގަމް، މޮޅަދޫ، ހޯރަފުށި، އިހަވަންދޫ، ދިއްދޫ އަދި ކުޅުދުއްފުށި ސިޓީއެވެ. ދަތުރެއްގެ އަގަކީ 60 ރުފިޔާ އެވެ.

އާރްޓީއެލްގެ އެޕުނ ދައްކާގޮތުގައި މާދަމާ އެ ރަށްތަކަށް އާރްޓީއެލްގެ އެއްވެސް ދަތުރެއް ނުކުރެ އެވެ.

މިކަމުގެ ސަބަބުން އިހަވަންދުއަށް ޑަޔަލިސިސް ހަދަން އެހެން ރަށްތަކުގެ ރައްޔިތުން ދެން ދާންޖެހޭނީ 1،200 ރުފިޔާއަށް ލޯންޗެއް ހިފައިގެންނެވެ. އަދި ހޯރަފުށީ އެއާޕޯޓަށް ޑިންގީއެއްގައި ދަތުރުކޮށްދޭ އަގަކީ 950 ރުފިޔާ އެވެ. އެކަމަކު ކުރިން އާރްޓީއެލްގައި 60 ރުފިޔާއަށް އެ ބޭނުންތަކުގައި ރައްޔިތުންނަށް ދަތުރުކުރެވެ އެވެ.

"އަޅުގަނޑުމެންނަށް ކިހާ ބޮޑު ގެއްލުމެއްތޯ މި ލިބުނީ. ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި މާލީގޮތުން އިތުރު ބުރަޔަކަށް މިވީ،" ހއ. އަތޮޅުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.