ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުޅުމާލޭގެ ބިމެއް 28.7 މިލިއަން ރުފިޔާއަށް ގަނެފި އެވެ.
ފަލާހް ގަނެފައިވަނީ ހުޅުމާލެ ފޭސް 2 ގެ 3،250 އަކަފޫޓުގެ އަމިއްލަ ބިމެކެވެ. އެ ބިން އެހެން މީހަކަށް ވިއްކަން ނިންމާފައި ވަނިކޮށް މިދިޔަ ޖުލައި މަހު އެޗްޑީސީން އެއްބަސްވުމަށް ބަދަލު ގެނެސް, ހައްގުތައް ފަލާހަށް ބަދަލުކުރި އެވެ.
އެ ބިމުގެ އަގަކީ 26.6 މިލިއަން ރުފިޔާ އެވެ. އަދި ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ. އެ އަގު އެޗްޑީސީއަށް ފަލާހް އެއްކޮށް ދައްކާފައިވާތީ އެ ބިން ފަލާހަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ.
ފަލާހްގެ މާލީބަޔާން ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން އާންމު ކުރިއިރު، ރ. އިންނަމާދޫ އާއި މާލޭގައި ވެސް ފަލާހްގެ ނަމުގައި ބިންތަކެއް ހުރެ އެވެ.
ފަލާހަށް އާމްދަނީގެ ގޮތުގައި ވެސް ފަސް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބަޔާންތަކުގައި ވެ އެވެ