ޒީނަތްތެރިކުރުމުގެ ބޭނުމަށް ދުނިޔޭގައި އެންމެ ގިނައިން ހެއްދޭ މަލަކީ ފިނިފެންމަލެވެ. ފިނިފެންމަލުގެ ރީތިކަމާއި ދުވާ މީރުވަހުގެ ސަބަބުން އެންމެ އަގު ބޮޑު މަލަކީ ވެސް ފިނިފެންމަލެވެ. ގިނައިން ހެއްދުނު ނަމަވެސް ފިނިފެންމަލުން ދުވާ މީރު ވަހުގެ ހަގީގަތާ ބެހޭ ގޮތުން ސައިންސްވެރިންނަށް މާގިނަ ހަގީގަތްތަކެއް މިހާތަނަކަށް ހޯދިފައެއް ނުވެ އެވެ.
ކޮންމެ ފިނިފެންމަލަކީ މީރު ވަހެއް ހުންނަ މަލެއް ނޫނެވެ. ފިނިފެންމާ ހެއްދޭ ގޮތުގެ ސަބަބުން މީރު ވަސް ނުދުވާ މާ ހުރެ އެވެ. މިސާލަކަށް ހަމައެކަނި އޭގެ ރީތިކަމަށާއި ގިނަ ދުވަހަށް ދެމެހެއްޓުމަށް ހައްދާ މާތަކުގައި މީރު ވަހެއް ނުހުރެ އެވެ. އެއީ ވަސް އުފައްދާ ޖީންގެ މަސައްކަތް ފުރިހަމަ ނުވާތީ އެވެ. ހަމަ އެފަދައިން ކާނާ ނުލިބުމާއި އަދި ފިނިހޫނުމިން ހުންނަން ޖެހޭ މިންގަޑުގައި ނުހުރުމަކީ ވެސް މަލުން މީރު ވަސް ނުދުވަފާނެ ސަބަބެކެވެ.
ނަމަވެސް ފިނިފެންމަލެއް ފެނުމުން ވަސް ބަލާލެވުމަކީ ގިނަ ބައެއްގެ އާދައެކެވެ. މިއާދަ ގުޅިފައި ވަނީ ކުރިން ފިނިފެންމަލުން ވަސް ބެލި އަދި މީރު ވަސް ދުވާފައި ވާތީ، ސިކުނޑީގައި ފޮރުވިފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ރިއާޔަތް ކުރެވިގެންނެވެ.
ފިނިފެންމަލުން ނުކުންނަ ވަސް ސިކުނޑީގެ ޖަޒުބާތު އުފައްދާ ހިތްވަރު އާލާކުރުވާ ސެލްތަކާ ގުޅިފައިވެ އެވެ. އަދި އެކަމަކީ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމެއް ކަން ވަނީ ފާހަގަކުރެވިފައެއް އެވެ. އެގެ ތެރޭގައި މޫޑު ރަނގަޅު ކޮށްދިނުމާއި، ސްޓްރެސް ފިލުވާދިނުމާއި، އަދި އުފާވެރިކަން އިތުރުކޮށްދިނުން ހިމެނެ އެވެ.
ފިނިފެންމަލުން ވަސް ބެލުމަށް ހިފިފައިވާ އެ އާދަ ފަހުން ބަދަލުވެގެންދަނީ ކުރަމުން ގެންދާ މަސައްކަތުން ބްރޭކެއް ނެގުމަށްފަހު، ގަސްތަކާލައިގެން ކޮށްލެވޭ ކަމެކެވެ. ފިނިފެންމަލެއް ލިބުމުން ހިތް އުފާވާ ފަދަ ވަހެއް ލިބޭތޯ އެވެ. އެއަށްފަހު ނޭފަތުން ފުންކޮށް އެތެރެއަށް ނޭވާ ދަމާލެވެ އެވެ. އިރުކޮޅަކަށް ވަށައިގެންވާ މާހައުލަށް ސަމާލުކަންދެމުންނެވެ. އެއަށްފަހު ހިނިތުންވެލުމާއެކު ބަލައިލެވެ އެވެ. މޫނުމަތީގައިވާ މަސްތަކަށް ލުއިވެލަ އެވެ.
ވަސްބަލާ މަލަކީ މީރު ވަހެއް ނުދުވާ މަލެއް ނަމަވެސް އެ ވަގުތު ހިނިތުން ވެލެ އެވެ. އުފާވެ އެވެ. ކުޑަ ސިކުންތު ކޮޅަކަށް ނަމަވެސް ހަށިގަނޑަށް ލުއިވެލަ އެވެ. މީރު ވަސް ދުވާ މަލެއް ނަމަ އެ ވަހުން ހަގީގީ ހިތްހަމަޖެހުމާއި އުފާ ލިބިގެންދެ އެވެ. ހިތުގެ ހިނގުން ދަށްވެލައި ހިތްނުތަނަވަސްކަން ފިލުވައިދެ އެވެ.
ސައެންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި ފިނިފެންމަލުން ވަސް ބެލުމުން ހިތްހަމަޖެހުން ލިބެނީ އެ މަލުން ނުކުންނަ މީރު ވަހުގައި ހުންނަ ވޮލަޓައިލް އޯގޭނިކް ކޮމްޕައުންޑު ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. އެ ވަހުގައި ހިމެނޭ އެންއަޔަން އަދި އޮކްސީލިޕިންއަކީ ފިނިފެންމަލުގެ ވަސް މީރުކުރާ ބާވަތެވެ. މި ހުރިހާ ކެމިކަލްތަކެއް އެކުވެ، ނޭފަތުގެ ތެރެއަށް ވަޔާއެކު ދަމާލެވުމުން މީރު ވަސްދުވާ ހިތްހަމަޖެހުން ލިބިގެންދެ އެވެ.
ފިނިފެންމަލުން ވަސްބެލުމަށް އާދަވެފައި ހުންނަނީ މީރު ވަހެއް ދުވާނެކަމުގެ އުންމީދެއް ކުރެވޭތީ އެވެ. މީރު ވަހެއް ދުވައިފިނަމަ ހިއްސުތަކަށް އުފަލާއި، އަރާމާއި އަދި ހިތްހަމަޖެހުން ލިބިގެންދާތީ އެވެ.