ބޭންކް އޮފް މޯލްޑިވްސް އިން ވ. ރަކީދޫގައި ސެލްފް-ސަރވިސް އޭޓީއެމްގެ ޚިދުމަތް ފަށައި، މުޅި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން، މިހާރު 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވިއްޖެ ކަމަށެވެ.
"މިއިން ކޮންމެ އޭޓީއެމް އަކީވެސް އެރަށެއްގެ މުޖުތަމައުތައުގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް އަދި މިއީ ފަސޭހަ ކަމާއެކު އަސާސީ ބޭންކިން ޚިދުމަތަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް،" ޝަރީފް ވިދާޅުވި އެވެ.
"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ފ. ފީއަލި އަދި ބިލެތްދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 166 ސެލްފްސާވިސް ބޭންކިން ސެންޓަރު، 225 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.