"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ​​​ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.

​​​އޭޓީއެމް ހިދުމަތް ތައާރަފް ކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

​​​ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްވެފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

"މިއީ ވަރަށް ވެސް ހާއްސަ ކާމިޔާބީއެއް. މިއަދު އޮޅުވެލިފުށީގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ވެސް މިވަނީ ހާސިލްކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

​​​މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފް ސާވިސްބޭންކިން ސެންޓަރު، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު އެ ބޭންކްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.