ޓްރީ ޓޮޕް ހޮސްޕިޓަލުން އިޖްތިމާއީ ޒިންމާގެ ދަށުން މިއަހަރުގެ ހަތަރުވަނަ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އޮކްޓޯބަރު 17 އަދި 18 ވަނަ ދުވަހު ބޭއްވުނު މި ކޭމްޕުން މ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށާއި ރިސޯޓުތަކުގެ މުވައްޒަފުންނަށް ޚިދުމަތް ފޯރުކޮށްދެވިފައިވެ އެވެ.
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ސްޕެޝަލިސްޓުން ބައިވެރިވެ ހިދުމަތް ދެއްވާފައިވެ އެވެ. މީގެ ތެރޭގައި އީއެންޓީ، އޯތޮޕީޑިކްސް އެންޑް ޓްރޯމާ، ނެފްރޮލޮޖީ، ޔޫރޮލޮޖީ، ކާޑިއޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ އަދި ނިއުރޯސަރޖަރީގެ ދާއިރާތަކުން ކޮންސަލްޓަންޓުން ހިމެނެއެވެ. މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ ރަށުގައި ތެބެގެން ޓީޓީ އެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"މިއީ އަތޮޅުތަކުގައި ދިރެއުޅޭ ރައްޔިތުންނަށް އެރަށްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މެޑީކަލް ޓީމުން ކުރާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެކެވެ. މިފަހަރުގެ ކޭމްޕްގައި މ. އަތޮޅުގެ 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" އެ ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާ ވިދާޅުވިއެވެ.
މި ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލުމުގައި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، މުލީ ކައުންސިލް، މުލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ އެހީތެރިކަން އެހޮސްޕިޓަލުން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން މި ކޭމްޕަކީ 2025 ވަނަ އަހަރު ބޭއްވުނު ހަތަރުވަނަ ކޭމްޕް ކަމަށްވެސް މަޢުލޫމާތް ދެއްވާފައިވެއެވެ. މީގެ ކުރިން މިއަހަރު ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ އަދި ހއ. ދިއްދޫގައި ކޭމްޕްތައް ބާއްވާފައިވެ އެވެ.
2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ބޭއްވުނު ކޭމްޕްތަކުން 3,800 އަށްވުރެ ގިނަ ބަޔަކަށް ޚިދުމަތް ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. މި ކޭމްޕްތަކުގެ އިތުރު މަޤްޞަދެއްގެ ގޮތުގައި މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ފަންނުވެރިންނާއެކު އިތުރު މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.