ޕޯޗުގަލް އާއި ސައުދީ އަރަބިއްޔާގެ ކުލަބް އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މުސްކުޅި ވާން އަދި ގާތް ވެސް ނުވާ ކަމަށް އޭނާ ބުނެފި އެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯގެ މިހާރުގެ އުމުރަކީ 40 އަހަރެވެ. އެހެން ނަމަވެސް އަދި ވެސް އޭނާގެ ފަރާތުން ފެންނަނީ އެންމެ ޒުވާން އުމުރުގެ ކުޅުންތެރިންގެ ފެންވަރުގެ ކުޅުމެކެވެ. އަދި ބަލާބެލުމަށް ވެސް ރޮނާލްޑޯ ފެންނަނީ ޒުވާން އުމުރުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރޮނާލްޑޯ ބުނީ އޭނާއަށް އުމުރަކީ ނަމްބަރުތަކެއް ކަމަށެވެ. އަދި އޭނާގެ ސިއްހަތާއި ފިޓްނަސްއަށް ބަލާއިރު، އޭނާ އަކީ އަދިވެސް ހަމަ ޒުވާން އުމުރުގެ ކުޅުންތެރިއެއް ފަދަ ކުޅުންތެރިއެއް ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާ ފިޓުކޮށް ހުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ކުޅުންތެރިންނާއި އެއްފެންވަރެއްގައި ހިފަހައްޓާލެވެނީ ވެސް އެހެން ވެގެން ކަމަށެވެ.

ރޮނާލްޑޯ ބުނީ އަދި ވެސް އޭނާގެ ފުޓުބޯޅަ ކެރިއަރު ނިންމާލަން ނުވިސްނާ ކަމަށެވެ. އަދި ވެސް ފަސް ވަރަކަށް އަހަރު އެއްފެންވަރެއްގައި ކުޅެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ރޮނާލްޑޯ އަކީ ގައުމީ ފެންވަރުގައި ވެސް އަދި ކުލަބް ފެންވަރުގައި ވެސް ގިނަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރި އެކެވެ. ޔޫރަޕުގެ ނަން މަޝްހޫރު ބޮޑެތި ގިނަ ކުލަބުތަކަކަށް ރޮނާލް ކުޅެ ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފަ އެވެ. އެގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑް އާއި މެންޗެސްޓާ ޔުނައިޓެޓް އަދި ޔުވެންޓަސް ފަދަ ކުލަބްތަކަކީ ރޮނާލްޑޯގެ އެންމެ ކާމިޔާބު ދުވަސްވަރު ކުޅުނު ކުލަބްތަކެވެ.

ޔޫރަޕްގެ ކުލަބް ފުޓުބޯޅައިގެ އެންމެ މަތީ ފެންވަރުގެ މުބާރާތް ކަމަށް ވާ ޔޫއެފާ ޗެމްޕިއަން ލީގަކީ ރޮނާލްޑޯ އާއި އެންމެ ރައްޓެހި މުބާރާތެވެ. އެގޮތުން ރެއާލް މެޑްރިޑްގަ އާއި މެންޗެސްޓާ ޔުނައިޓެޑް ގައި ރޮނާލްޑޯ ވަނީ އެ މުބާރާތުގެ ތަށި ފަސް ފަހަރު ހޯދާފަ އެވެ. މީގެ އިތުރުން ކުލަބް ވޯލްޑަ ކަޕް އާއި ޔޫއެފާ ސުޕަ ކަޕް ވެސް އެ ކުލަބުތަކާއެކު ރޮނާލްޑޯ ވަނީ ހޯދާފަ އެވެ.

ދުނިޔޭގައި މިވަގުތު ވެސް ހުރި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތީ ރޮނާލްޑޯގެ އަތުގަ އެވެ. އެއީ ގައުމީ ފެންވަރުގަ އާއި ކުލަބު ފެންވަރުގައި ވެސް މެ އެވެ.

ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިޔާގެ އަލް ނަސްރު ކުލަބަށެވެ. އެ ކުލަބްގައި ވެސް ރޮނާލްޑޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.