އައްޑު ބައިބައިކުރަން ސަރުކާރު އަޑީގައި އޮވެގެން ވަކިވަކި ރަށު ކައުންސިލްތަކެއް ހެދުމަށް މިއަދު ނެގި ވޯޓުގައި 52 އިންސައްތަ މީހުން ވޯޓުލާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވަކި ކައުންސިލްތަކެއް ހެދުމަށް ހިޔާލު ހޯދުމުގެ މި ވޯޓު ނަގާފައިވަނީ، ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ. މި ވޯޓުގައި ގޮތެއް ނިންމަނީ، އައްޑޫ ކައުންސިލުން ވަކިވެ، މި ތިން ރަށުގައި ވަކި ކައުންސިލުތަކެއް އުފަންދަން ފެނޭތޯ ނުވަތަ ނުފެނޭތޯ އެވެ.
ވޯޓުގައި ބައިވެރިވި ނިސްބަތް ކަމަށް މިހާތަނަށް އަންދާޒާކުރެވޭ އަދަދުތަކުގެ މައްޗަށް އީސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޯޓު ފޮށިތައް ބަންދުކުރިއިރު މުޅި ޖުމްލަ ވޯޓުލާފައިވަނީ 4510 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ %47.1 އެވެ. އަދި 5066 މީހަކު ވޯޓުގައި ބައިވެރި ނުވާއިރުގައި އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ %52.9 އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 52 އިންސައްތަ މީހުން ވޯޓުގައި ބައިވެރިވެފައި ނުވާއިރު، މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބިގެންވެ އެވެ. ވޯޓުލުމަށްޓަކައި އެ ތިން ރަށް އަދި މާލެ ހިމެނޭހެން މުޅި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓި އެވެ.
ގިނަ ވޯޓުފޮށިތައް މިހާރު ގުނާ ނިމިފައިވާއިރު، މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވަކި ކައުންސިލެއް އުފައްދަން ބޭނުންވަނީ ހުޅުދޫ އަދި މީދޫ ރައްޔިތުންނެވެ. ފޭދޫގެ ނަތީޖާތައް ދައްކަނީ ވަކިވާން ބޭނުންނުވާ ކަމަށެވެ.
މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރަން އީސީން ނިންމާފައިވަނީ މިރޭ 9 ޖަހާއިރު އެވެ.
ސިނގިރޭޓް ވައްކަމާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި
ވަގުތު ހަމަވިއިރު ވޯޓު ލީ އެންމެ 35 އިންސައްތަ މީހުން
އެމެރިކާއިން ކޮލަމްބިއާގެ ރައީސަށް ފިޔަވަޅު އަޅައިފި