ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯއްޗާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތައް ލިބުނު މީހުންނަށް ލަސްނުކޮށް އެތަންތަން ބޭނުންކުރެވޭ ގޮތް ހަދަން އުތުރު ތިލަފަޅު ޔޫނިއަން އިން މިއަދު ގޮވާލައިފި އެވެ.
ޔޫޓީއެފް ޔޫނިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓަށް ހުޅުވާލި މުއްދަތުގައި 40،594 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ. އެހެން އެކަމަކު އެ ފޯމުތައް އިވެލުއޭޓް ނުކޮށް ލަސްކުރަމުންދާ ދިއުމަކީ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވެހިކަމުގެ ހައްގުން މަހުރޫމުވާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅުން ބިން ހިއްކައި، ގޯތި ކަނޑައި ދިނުމަކީ، ގާތްގަނޑަކަށް ފަންސާސް ދެހާސް ދިވެހި އާއިލާއަކަށް ލިބިގެންދާނެ ބޯހިޔާވަހިކަމެއް. އެހެންކަމުން ނިސްބަތުން އާއިލާއެއްގައި ހަތަރު މެންބަރުން ތިބިކަމަށް ބެލި ނަމަވެސް، މިއީ ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވެގެންދާނެ،" ޔޫޓީއެފް ޔޫނިއަނުން ބުންޏެވެ.
ނިމިދިޔަ ސަރުކާރުން، މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކުގެ ލިސްޓު، ދިވެހި ސަރުކާރުގެ ޒެގެޓުގައި ޝާއިއުކުރި ކަމަސް ވެސް ޔޫޓީއެފް ޔޫނިއަނުން ބުންޏެވެ.
އެގޮތުން އެ ޔޫނިއަނުން ބުނީ ގޯއްޗާއި ފުލެޓް ދިނުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން އެތަށް ހެކްޓަރެއްގެ ބިން ހިއްކައި، ގޯތި ކެނޑުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައި ވާއިރު، ތަފާތު އެކި އުޒުރުތައް ދައްކައި، މި ސަރުކާރުން މި ތަންތަނުގައި ހިނގަމުންދިޔަ މަސައްކަތްތައް ހުއްޓުވާލާފައިވާ ކަމަށެވެ.
ސަރުކާރަށް ދެ އަހަރު ފުރެން ކައިރިވެފައިވާއިރު އެ ތަންތަނުގެ އަމަލީ މަސައްކަތް ނުފަށައި މަޑުޖައްސާލާފައިވުމަކި ދިވެހިންގެ ގިލަންވެރިކަމެއްގައި ބެހެއްޓުމަސް ކުރާ ކަމެއް ކަމަށް އެ ޔޫނިއަނަށް ގަބޫލުކުރެވޭކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ހުޅުމާލޭ ފޭސް-3 އާއި، ގުޅީފަޅާއި، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުގައި ބޯހިޔަވެހިކަމުގެ މަޝްރުއު ހިންގުމުގެ މަސައްކަތް ފަށާފައި އޮތް ދަނޑިވަޅެއްގައި އެ މަޝްރޫއަށް ހުރަސް އެޅޭ ގޮތަށް ބޮޑު އަގުގައި ރަސްމާލެ ހިއްކުމުގެ ނަމުގައި މުޅިން އައު މަޝްރޫއެއް މި ސަރުކާރުން ކުރިއަށް ގެންދާތީ ވެސް ޔޫޓީއެފް ޔޫނިއަނުން ކަންބޮޑުވުން ފާޅުކުރި އެވެ.
އެގޮތުން އެ ޔޫނިއަނުން ވަނީ ރަސްމާލެ މަޝްރުއު މިވަގުތަށް މަޑުޖައްސާލައި ބިންވެރިޔާ މަޝްރުއުގައި ހިމެނޭ ހިއްކަމުންދިޔަ ބިންތައް ހިއްކައި، އެތަންތަން ތަރައްގީ ކުރުމަށް އިސްކަންދީނުމަށް ގޮވާލާފަ އެވެ.
ވެރިކަމަށް އައުމުގެ ކުރިންނާއި ވެރިކަމަށް އައުމުގެ ފަހުން ވެސް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ގޯތި ލިބުނު ތަނަކުން ގޯތި ދޫކުރުމަށެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އަދިވެސް އެ ވައުދު ފުއްދަވާތަން ނުފެނެ އެވެ.
މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު
200 އަށްވުރެ ގިނަ ބަނގުރާފުޅިއާ އެކު ބިދޭސީންތަކެއް ހައްޔަރަށް