މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުމުގެ ފައިދާ %10 ކުރިއަރައި، ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ހޯދައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ދެވަނަ ކުއާޓަރާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 10% ކުރިއެރުމެކެވެ. މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ ޖުމްލަ ލޯނު އިތުރުވަމުންދާއިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނިގޮތުގައި ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި ދެމެހެއްޓިފައިވެ އެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް ފަޚުރުވެރި ވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން ކަމަށެވެ. މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް އެ ބެންކުން ފަޚުރުވެރިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނިގޮތުގައި މިދިޔަ ކުއާޓަރުގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ. މި ގޮތުން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލައިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މީގެ އިތުރުން، މިދިޔަ ކުއާޓަރުގައި ބޭންކުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފައިވެ އެވެ. މި ސްޓްރެޓިޖިކް ނިންމުމާއެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޚިދުމަތް ގާއިމުކުރުމާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ ނަން އިތުރަށް ހަރުދަނާ ވެގެންދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ބްރާންޗް، އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި ޑިޖިޓަލް ފަސްޓް ޕޮލިސީއާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.
ފޭރިގަތް ޑޮލަރުތައް ފެނުނުކަމާ މެދު ސުވާލު އުފެދިއްޖެ
ޓްރީޓޮޕް އިން ނަރުހުން ތަމްރީނުކުރަން 4 ސްކޮލަޝިޕް ފުރުސަތު ދީފި
ތަންތަނަށް ދިޔުން މަނާކުރަން އުޅޭ ސަބަބު އެނގިއްޖެ: ޔާމީން