ޑޮލަރު އަގު ކައިރި މުސްތަގުބަލެއްގައިވެސް ތިރިނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ފަހަރުގެ ބަޖެޓަކީ ބޮޑު ޑެފިސިޓު ބަޖެޓެއް ކަމަށެވެ. އެގޮތުން މިފަހަރުގެ ބަޖެޓުގައި ހުރި ހިސާބު އަކުރުތަކަކީ ނަމަކަށް ޖަހާފައި ހުރި އަކުރުތަކެއް ކަމަށް ވިދާޅުވި އެވެ.

މުޅި ބަޖެޓަށް ލޯ ހިންގާލާއިރު، އަންނަ އަހަރަކީ ފައިސާ ޗާޕު ކުރާނެ އަހަރަކަށް ވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރިގޮތުން މިއިން ޒަމާނަކު ވެސް ޑޮލަރުގެ އަގު ތިރިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވަނީ ބަޖެޓުގައި ހުރި އަކުރުތަކަށް ބަލާނުލާ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް އުއްމީދު ލިބިއްޖެ ކަމަށް ވިދާޅުވާއިރު އެ މެމްބަރުންނަށް އެ އަދަދު ނުފެންނަނީތޯ ސުވާލު ކުރައްވާފައެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށާއި ދަނީ ތިރިވަމުންނެވެ. ނަމަވެސް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުނު ފަހުން ޑޮލަރުގެ ރޭޓް ހުރި 20 ރުފިޔާ އިން މަތީގަ އެވެ.

ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް ވެސް ދުވަހެއް ދުވަހަކަށް އަންނަނީ އުފުލެމުންނެވެ.