އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާ އޭނާ ދަންޖައްސައި މަރަން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ޝައިޚް ހަސީނާގެ އިތުރުން އެ ބަނގުލަދޭޝްގެ ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލްގެ މައްޗަށް ވެސް ހަމަ އެ ކޯޓުން މިއަދު ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. މި ދެ މީހުންނަކީ ވެސް މިދިޔަ އަހަރު ބަނގްލަދޭށް ގެ ވެރިކަން ވެއްޓުމާއި އެކު ގައުމު ދޫކޮށް ފިލާފައިވާ ދެމީޙުން ކަމަށް ވާތީ މި ދެމީހުންގެ މައްޗަށް ވެސް ހުކުމް ކޮށްފައިވަނީ ޣައިރު ހާޒިރުގަ އެވެ.

ހުކުމް އިއްވުމާ އެކު މިހާރު އުމުރުން 78 އަހަރުގެ ހަސީނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ބަންގލަދޭޝް ކޯޓުން އިއްވި އެ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ.

ހަސީނާގެ މައްޗަށް ތިން ދައުވާއެއް ސާބިތުވި އިރު މަރުގެ ހުކުމް އައީ އެއް ދައުވާއަކަށެވެ. އެހެން ދައުވާއަކަށް އައީ އުމުރަށް ޖަލަށް ލުމެވެ.

ފަނޑިޔާރު ޣުލާމް މުރްތަޟާ މުޒްމުދާރް ހުކުމް އިއްވަވަމުން ވިދާޅުވީ ހަމަނުޖެހުން ހިންގުމާއި މީހުން މެރުމަށް އަމުރުކުރުމާއި އަނިޔާވެރި އަމަލުތައް ނުހުއްޓުވުމުގެ ކުށް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މަރުގެ ހުކުމް އައީ އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމުގެ ކުށަކަށެވެ. އެއީ އޭނާއާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތައް ރޫޅާލަން މީހުން މެރުމަށް ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތަކަށް އަމުރުކުރި މައްސަލައިގަ އެވެ.

ހަސީނާ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެން އުޅުއްވާއިރު އޭނާ ބަންގްލާދޭޝްއާ ހަވާލުކުރުމަށް އެދުނު އެއްވެސް އެދުމަކަށް އިންޑިއާއިން އިޖާބަދީފައެއް ނުވެ އެވެ.

ބަންގްލާދޭޝް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް ހިންގި ޝަރީއަތަށް ފަހު ހުކުމް އިއްވި އިރު ގައުމުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ޖޫން 1 ގައި ހަސީނާގެ ޝަރީއަތްތައް އޭނާގެ ޣައިރު ހާޒިރުގައި ފަށައިގެން ވާ ބާރު ސްޕީދުގައި ކުރިއަށް ދިޔައިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގަ އާއި ސަރުކާރާ ދެކޮޅު މީހުން މެރުމުގައި ސީދާ ހަސީނާގެ ފަރާތުން އަމުރުތައް އައި ކަމުގެ ތުހުމަތު ސާބިތުކުރުމަށް އެތައް ބަޔަކު ހެކިބަސް ދީފައިވެ އެވެ.