މިފަހަރު މިއޮތީ ރެސްޓޯރެންޓް ތަކުގައި އާއްމުކޮށް އޯޑަރު ކުރެވޭ ކުކުޅުގެ ބާވަތެކެވެ. މިރޯދަ މަހު ރެސްޓޯރެންޓަކަށް ދިއުމުގެ ބަދަލުގައި ގޭގައި މިޑިޝް ހަދާލުން ކިހިނެއްވާނެ ހެއްޔެވެ؟
ބޭނުންވާ ތަކެތި
- 500 ގްރާމް ކުކުޅު (1 އިންޗި ބޮޑުކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ކޮތަނބިރި ޕައުޑަރު
- 1 މޭޒުމަތީ ސަމުސާ ޔޯގަޓް
- 4 ތޮޅި މިރުސް
- 4 މޭޒުމަތީ ސަމުސާ މަސްޓަޑް އޮއިލް
- 1 ސައި ސަމުސާ ރެޑް ޗިލީ ޕައުޑަރު
- ސައި ސަމުސާ ރީނދޫ
- 10 ހިކަނދި ފަތް
- 4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
- ރަހަލާވަރަށް ލޮނުކޮޅެއް
ހަދާނެ ގޮތް
- ކުކުޅު ކޮޅު މެރިނޭޓް ކުރުމަށްޓަކައި ޗިލީ ޕައުޑަރު، ކޮތަނބިރި ޕައުޑަރު، ރީނދޫ، ޔޯގަޓް އަދި ލޮނު ބޯތަށްޓެއްގައި އެއްކޮށްލާށެވެ. ކުކުޅު ދޮވެލުމަށްފަހު އެއްކުރި ޕޭސްޓް ކުކުޅުތަކުގައި އުނގުޅާލާށެވެ. އަދި އެއަށްފަހު އައިސް އަލަމާރީގައި މަދުވެގެން 4 ގަޑިއިރު ބަހައްޓާލާށެވެ. ގިނައިރު މެރިނޭޓު ކުރުމަކީ ޑިޝްގެ ރަހަ ރަނގަޅު ކޮށްދޭނެ ކަމެކެވެ.
- ތަވައެއްގައި ތެޔޮ ހޫނު ކުރުމަށްފަހު މަޑު ގިނީގައި މެރިނޭޓް ކުރި ކުކުޅު ކޮޅު ތެއްލާލާށެވެ. މަޑު ރަންކުލަ އެރުމުން ކުކުޅު ކޮޅު ބޭނުންވަރަށް ތެއްލެވުނީ އެވެ.
- ކުކުޅުތައް ތެއްލެވުމުން އެހެން ތެއްޔެއްގައި ތެޔޮ ނާޅާ ކުކުޅުތައް ކައްކާށެވެ. މިއީ ކުކުޅުތައް މުރަނަ ކޮށްލުމަށްޓަކައެވެ. ރަނގަޅަށް މުރަނަ ވުމުން ތޮޅި މިރުސް، ހިނކަދިފަތް، ޓޮމާޓޯ ކެޗަޕް އެއްކޮށް ކުކުޅުތަކުގައި ރަނގަޅަށް ހާކާލުމަށްފަހު 5 މިނެޓު ވަންދެން ކައްކާލާށެވެ. އެއަށްފަހު އުނދުން މަތިން ބާލާށެވެ.
ބަތް ނުވަތަ ރޮށްޓާއެކު ކާން ވެސް މިއީ ކަމުދާނެ ޑިޝްއެކެވެ. ހޫނުކަންމަތީ ސުފުރާ މައްޗަށް އިންސާފު ކުރާށެވެ.