މާލެ އަދި ހުޅުމާލެ ސަރަހައްދުތަކުގައި ގޭންގުތައް ހަދައިގެން އުޅޭ މީހުން ހޯދުމަށް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން 48 ގަޑިއިރުގެ ތެރޭ 576 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ހިދުމަތުން އެކްސްގައި ކުރި ޕޯސްޓުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 576 ސަރަހައްދެއް ބަލައިފާސްކޮށް، ފުލުހުން ވަނީ 108 އިންޓަރެކްޝަން ހަދާފައެވެ. މި މުއްދަތުގެ ތެރޭގައި 30 އުޅަނދެއް ޗެކްކޮށް 6 އުޅަނދު ޓޯކޮށްފައި ވެއެވެ.

މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ މާލެ އަދި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ޖުމްލަ 912 މިނެޓް ޕެޓްރޯލްކޮށްފައެވެ. އެއީ 15.2 ގަޑިއިރެވެ.

ގޭންގް ކުށްތަކާ ބެހޭ ޤާނޫނުގެ ދަށުން މީގެ ކުރިންވެސް ފުލުހުން ވަނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ސެޕްޓެމްބަރުމަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނުގައި ތޫނު ހަތިޔާރާއެކު މީހުންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ބޮޑެތި އަދަބުތަކެއް ލިބޭގޮތަށް ތަސްދީގުކޮށްފައިވާ ނުރައްކާތެރި ކުށްތަކާބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓްމަހުގެ 25 ވަނަ ދުވަހެވެ. އާ ގާނޫނު އެކުލަވާލާފައިވަނީ، ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށެވެ.

މި ގާނޫނުގެ ދަށުން ގޭންގްތަކާއި ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކޮށް، އެގޮތުން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގިގެންދާއިރު، ކުޑަކުދިން ގޭންގްތަކާ ގުޅުމާ، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަ އެވެ. އެގޮތުން އުމުރުން 18 އަހަރު ނުވާ ކުއްޖަކަށް ވަޅިއެއް ވިއްކައިފިނަމަ 20 ހާސްރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ.

ގޭންގު ގާނޫނުގެ ދަށުން ގޭންގެއް އުފެއްދުމާއި ހިންގުމާއި އަދި ގްރޫޕަށް މީހުން ހޯދުންފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައެޅިފައެވެެ. މި ގާނޫނުގެ ދަށުން ގޭންގަކުން ކުޑަކުއްޖަކު ކުށުގައި ބައިވެރިކޮށްފިނަމަ އެފަރާތެއް އުމުރަށް ޖަލަށްލައި، ދެ ލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެ އެވެ. އުމުރުން 18 އަހަރުން މަތީ މީހެއް ގޭންގަށް ވައްދައިފިކަން ސާބިތުވެއްޖެނަމަ، އެމީހަކަށް 20 އަހަރުގެ ޖަލުހުކުމަކާއެކު 7 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާގޮތަށް ޖޫރިމަނާ ކުރެވެ.

ރާއްޖޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް ގާނޫނުތައް ފާސްކޮށްފައި ވީ ނަމަވެސް މިހާރު ގޭންތަކުގައި އުޅޭ ކުދިން އެކަން ދޫކޮށް އިސްލާހުވެ، އަމިއްލަ ދިރިއުޅުމާ މަސްއޫލުވެގެން އުޅެމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށާއި އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނެތް ކަމަށެވެ. އަދި އޭގެ ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވެފައިވަނީ ދެ އަހަރުތެރޭ ގޭންގު ކުށްތައް 49 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށެވެ.