ރަސްމީ އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނިކޮށް، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހުގައި ވަނީ އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލާށެވެ. އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އެ ދައުރެއްގައާއި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މިހާރު ދެނީ މަހަކު 50،000 ރުފިޔާ އެވެ. އޭގެ އިތުރުން، ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހެ އެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި، ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، ސަލާމަތާއި ރައްކާތެރިކަން ދޭންނުޖެހޭނެ ކަމަށް ބަޔާން ކުރާ އިސްލާހެއް ހިމެނެ އެވެ. އަދި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މާލީ އިނާޔަތް ދޭންނުޖެހޭ އިސްލާހެއް ވެސް ބިލުގައި ހިމެނެ އެވެ.

އެ ބަދަލުތަކުގެ ސަބަބުން އަހަރަކު، 10.5 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްވާނެ ކަމަށް އެ ބިލު މަޖިލީހަށް ހުށަހެޅި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެފައިވެ އެވެ. އެކަމަކު، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ފެށުމުން އެކަމަށް 300،000 ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ނައިބު ރައީސުންގެ ބޭސް ފަރުވާގެ ހަރަދަށް 700،000 ހަރަދުވާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.

ކުރީގެ ރައީސުންނަށް ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ސެޕްޓެންބަރު 10 ގައެވެ. އެ މަނިކުފާނު އެ ދުވަހު ވަނީ ކުރީގެ މަޖިލީސް މެންބަރުންނަށް ދެމުން އަންނަ ބައެއް އިނާޔަތްތައް ކަނޑާލަން ވެސް ނިންމި ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ.