މިދިޔަ މަހުގެ ވަނަ ދުވަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވި ސްޓެލްކޯގެ މުވައްޒަފަކީ, އެ ކުންފުނީގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަހުމަދު އަޒްމީލް, 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. އެއަށްފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާ މަރުވީ ތައިލޭންޑްގެ ބޭންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ސްޓެލްކޯ އިން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ހާދިސާގެ މިނިވަން ތަހުގީގެއް ފުލުހުން ވެސް ފަށާފައިވާތީ، އެ ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.