އުތުރު އެމެރިކާގެ ގައުމުތަކުގައި އަންނަ އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕް 2026 އަށް، ދޭ ފައިސާގެ އިނާމު ބޮޑުކޮށްފި އެވެ.

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ ފީފާއިން މިހާތަނަށް އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ ތަފާތު، އަދި އެންމެ ފާހަގަކޮށްލެވޭ މުބާރާތަށް ވާނެ އެވެ. އެގޮތުން މީގެ ކުރީގެ މުބާރާތްތަކުގައި ވާދަކުރި 32 ޓީމުގެ ބަދަލުގައި މިފަހަރުގެ މުބާރާތުގައި 48 ޓީމު ވާދަކުރާ ގޮތަށް ފޯމެޓަށް ވަނީ ބަދަލުގެނެސްފަ އެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ 48 ޓީމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕް މުބާރާތަށެވެ.

އަންނަ އަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އުތުރު އެމެރިކާގެ ތިން ގައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގަ އެވެ.

ފީފާއިން ބުނެފައި ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް 727 މިލިއަން ޕައުންޑްގެ އަދަދެއް، ފައިސާގެ އިނާމުތަކުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ގަތަރު ވޯލްޑް ކަޕަށްވުރެ، 50 ޕަސެންޓް އިތުރު އަދަދެކެވެ.

އޭގެ ތެރެއިން 655 މިލިއަން ޑޮލަރަކީ ޓީމުތައް ކުރިއަށްދާ ވަރަކުން ދެވޭ އިނާމު ފައިސާއެވެ. އެ ފައިސާ ދޭނީ ފީފާއިން މިހާރު ގެންގުޅޭ "ޕާފޯމަންސް ބޭސްޑް ޕޭމަންޓް" ސިސްޓަމަށެވެ.

ފީފާއިން ބުނީ ގައުމުތައް ކުރިއަށްދާ ވަރަކުން ފައިސާ ދެމުން ގޮސް، ޗެމްޕިއަން ޓީމަށް 50 މިލިއަން ޑޮލަރު ޖެހޭނެ ކަމަށެވެ. އަދި ރަނަރަޕް ޓީމަށް 33 މިލިއަން ޑޮލަރުގެ ފައިސާ ދެވޭނެ ކަމަށެވެ.

ގްރޫޕް ސްޓޭޖުން ކަޓާ ކޮންމެ ޓީމަކަށްވެސް ނުވަ މިލިއަން ޑޮލަރު ޖެހޭނެ ކަމަށް ފީފާއިން ބުނެފައިވާ އިރު، ވޯލްޑް ކަޕަށް ކޮލިފައިވާ ކޮންމެ ޓީމަކަށްވެސް 1.5 މިލިއަން ޑޮލަރު ދޭން ނިންމާފައިވެއެވެ.

ފީފާ ކައުންސިލް ބައްދަލުގައި އިތުރު ނިންމުންތަކެއްވެސް ނިންމާފައިވެއެވެ. އެގޮތުން ފީފާއިން މުޅިން އަލަށް ފަށައި 15 އަހަރުން ދަށުގެ ޔޫތު ފެސްޓިވަލް މުބާރާތްތަކުގެ ތެރެއިން ފިރިހެން މުބާރާތް އަންނަ އަހަރު އަދި އަންހެން މުބާރާތް 2027 ވަނަ އަހަރު ބާއްވަން ނިންމާފައިވެ އެވެ.