ފުޓްބޯޅައަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބަލައި، އެންމެ ގިނަ ބަޔަކު ކުޅޭ އެންމެ މަޝްހޫރު އެއް ކުޅިވަރެވެ. ދުނިޔޭގެ ފެންވަރުގައި އެކިއެކި ނަންނަމުގައި ތަފާތު ފުޓުބޯޅަ މުބާރާތްތައް އަންނަ ބާއްވަމުންނެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް މުބާރާތަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އިންތިޒާމުކޮށްގެން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތެވެ. ފީފާ ވޯލްޑް ކަޕް މި މުބާރާތަކީ މުޅި ދުނިޔޭގައި ވެސް ބޭއްވޭ އެންމެ ކުލަގަދަ އަދި އެންމެ އެންމެ ބޮޑު މުބާރާތެވެ.
މީގެ 95 އަހަރު ކުރިން ބާއްވަން ފެށި ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި މިހާތަނަށް 22 އެޑިޝަން އެއް ބާއްވާފައި ވާއިރު، އަންނަ އަހަރު އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވޭ މުބާރާތަކީ މީގެ 23 ވަނަ އެޑިޝަން އެވެ.
އަންނަ އަހަރު ބޭއްވާ މި މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ތާރީޚީ އަދި ފާހަގަކޮށްލެވޭ މުބާރާަކަށް ވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ ކުރިން މުބާރާތް ބާއްވަމުން އައި ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުރިން މުބާރާތުގައި ވާދަކުރަމުން އައި 32 ޓީމުގެ ބަދަލުގައި މިފަހަރުފެ މުބާރާތުގައި 48 ޓީމުން ވާދަކުރުމެވެ. އަދި މި މުބާރާތަކީ މި މުބާރާތުގެ ތާރީޚުގައި ވެސް ތިން ގައުމެއްގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕް މުބާރާތައް ވުން ވެސް އެއީ މި މުބާރާތް އިތުރަށް ތަފާތުވެ ފޯރިގަދަވާނޭ ސަބަބެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން ގައުމެއްގައި މުބާރާތް ބާއްވާއިރު، މި މުބާރާތުގެ ރަމްޒަކަށްވާ ލޯގޯއަކީ ވަރަށް ޚާއްސަ އަދި ތަފާތު ލޯގޯއެއްކަމަށް ފީފާއިން ބުނެ އެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް މުބާރާތުގެ އަސްލު ޓްރޮފީއާއި މުބާރާތް ބާއްވާ އަހަރު (2026) އެއްކޮށް ހިމަނައިގެން ފަރުމާކޮށްފައިވާ ލޯގޯއިން ރަމްޒުކޮށްދެނީ އެއްބައެއްވަންތަކަމާއި އެކުވެރިކަމާ މުބާރާތުގެ ތަފާތުކަމެވެ. ފީފާއިން ބުނާ ގޮތުގައި މިފަހަރުގެ މުބާރާތައް ތައްޔާރުކޮށްފގައިވާ ލޯގޯގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ދަރަޖައިގެ މުބާރާތުގެ އަސްލު ރޫޙު ދައްކުވައިދީ، ކުރިއަށް އޮތް މުބާރާތްތަކަށް ވެސް އެއް ރަމްޒެއް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
މީގެ އިތުރުން "WE ARE 26" މި ޝިއާރަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި، މުބާރާތް ބާއްވާ ގައުމުތައް އެއްބައިވަންތަ ކުރުމުގެ ރަމްޒެއް ކަމަށް ފީފާއިން ބުނެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ރަސްމީ ލޯގޯ ފަރުމާކޮށް އާންމުކުރީ ފީފާ އިން އަމިއްލަ އަށެވެ. އިތުރު އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ޚިޔާލެއް ވެސް ބޭނުން ނުކޮށެވެ. ބޭނުން ކުރީ ހަމައެކަނި މުބާރާތް ބާއްވާ ތިން ގައުމުގެ ޚިޔާލެވެ. މިއީ ފީފާގެ މައިގަނޑު ބްރޭންޑިންގެ ދަށުން، ފީފާގެ އަމިއްލަ ޓީމަކުން ކޮށްފައިވާ މަސައްކަތެކެވެ.
މި މަސައްކަތުގައި މުބާރާތުގެ ތާރީޚާއި، ކުރިއެރުވުމާއި، ތިން ގައުމުގެ ސަގާފަތްތައް ހިމެނޭ ގޮތަށް ލޯގޯ ފަރުމާކޮށްފައިވެ އެވެ. މި އުސޫލުގެ ދަށުން، މުބާރާތް ބާއްވާ ކޮންމެ ސިޓީއަކަށް އެ ސިޓީއެއްގެ އަމިއްލަ ވަންތަކަން ހިމަނައިގެން ލޯގޯ ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
މި ލޯގޯ ތަފާތު ވަނީ އެކި ސަބަބުތަކާ ހުރެ އެވެ. އެންމެ ފުރަތަމަ ކަމަކީ، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް މުބާރާތުގެ އަސްލު ޓްރޮފީއާއި މުބާރާތް ބާއްވާ އަހަރު އެއްކޮށް ލޯގޯއެއްގެ ގޮތުގައި ހުށަހަޅާފައިވާ ފަހަރެވެ. ކުރީގެ ވޯލްޑް ކަޕް ލޯގޯތަކުގައި އާންމުކޮށް ތަފާތު ގްރެފިކްސް ބޭނުންކުރާއިރު، މިފަހަރުގެ ލޯގޯއިން ވަކި ސިފައެއްގެ ޓްރޮފީއެއްގެ ބަދަލުގައި އަސްލު ޓްރޮފީ ދައްކުވައިދެ އެވެ.
ދެވަނަ ކަމަކީ، މިއީ "WE ARE 26" ކެމްޕޭނުގެ މުހިންމު ބަޔެކެވެ. މި ކެމްޕޭނަކީ މުބާރާތް ބާއްވާ ތިން ގައުމުގެ 16 ސިޓީއަށް އެ މީހުންގެ އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭން ފުރުސަތު ދިނުމަށް ތައްޔާރުކޮށްފައިވާ ސްލޯގަން އެކެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މިފަދަ ކޮންސެޕްޓެއް ބޭނުންކުރާ ފުރަތަމަ ފަހަރެވެ. މިގޮތުން، ކޮންމެ ސިޓީއަކަށް ވެސް މައި ލޯގޯގެ އޮނިގަނޑުގެ ތެރެއިން އެ ސިޓީއަކާ ގުޅޭގޮތަށް ކުލަތަކާއި ނިޝާންތައް ބަދަލުކުރުމުގެ އިހްތިޔާރު ލިބިގެންދެ އެވެ.
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ލޯގޯއަކީ ހަމައެކަނި ރަމްޒަކަށް ވުރެ ބޮޑު އެއްޗެއް ދޭހަކޮށްދޭ ލޯގޯ އެކެވެ. އެއީ މުބާރާތުގެ ތާރީޚާއި، އެކުވެރިކަމާއި، ކުރިއެރުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުން އެއްބައިކޮށްދޭ ހާއްސަ ރަމްޒެކެވެ. ވޯލްޑް ކަޕްގެ އަސްލު ޓްރޮފީއާއި މުބާރާތް ބާއްވާ އަހަރު އެއްކޮށް ހުށަހަޅައި، "WE ARE 26" ގެ ޝިއާރުގެ ދަށުން، މި ލޯގޯއިން ވަނީ ކުރިއަށް އޮތް މުބާރާތަށް އާ އުއްމީދެއް ގެނެސްދީފަ އެވެ.
ކޮރަޕްޝަންގެ މައްސަލަ ރިޕޯޓްކުރުމުން ވަޒީފާއިން ވަކިކޮށްފި
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި
ކާރު އެކްސިޑެންޓެއްގައި ނޯރާއަށް އަނިޔާ ވެއްޖެ