ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި އެންމެން ހިމެނޭހެން ސަރުކާރުން ކުޑަކުރި ކުރުމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް ތަފާތު ކަންކަން ކޮށްދެއްވާނޭ ކަމުގެ ވައުދުތައް ވަމުން އަންނަ މި ދުވަސް ވަރު ރައީސް ރައީސް މުއިއްޒު ވަނީ ކުރީ ސަރުކާރުތަކުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރައްވާފަ އެވެ.

ބޮޑެތި ލޯނުތައް ނަގައިގެން ހަދާފައިވާ އެ ފުލެޓުތަކުގެ ކުލި އިރުއިރުކޮޅާ ބަދަލުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

އެކަން އެހެން އޮއްވައި މި ފަހުން ސަރުކާރުން ވަނީ ހިޔާ ފުލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ވެސް އެއްކޮށް މައާފުކޮށްފަ އެވެ. މިއީ ގަވާއިދުން ކުލި ދެއްކި މީހުންނާ މެދުވި ނާއިންސާފެއް ކަމަށް ބުނެ ސަރުކާރަށް އަނެއްކާ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އިރުއިރުކޮޅުން ކުލި ކުޑަކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން މުއްތަލިބު ވިދާޅުވީ، ކުލި ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ހުށަހަޅާ ކަމަށެވެ. އަދި، ރާއްޖޭގައި ކުލި ކުޑަކުރާ އުސޫލު އޮންނަނީ "ބްލޭންކެޓް"ކޮށް ނުވަތަ އެންމެންނަށް އެއް އުސޫލަކުން އަމަލުކުރާ ގޮތަށް ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ސަރުކާރުން ކުޑަކުރާއިރު މިހާރު މިކުރާ އުސޫލާ ހިލާފަށް, ނިކަމެތިންނަށް ޓާގެޓްކޮށްގެން އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މުއްތަލިބު ވިދާޅުވީ، މި ސަރުކާރު އައިއިރު ހިޔާ ފުލެޓު ފަދަ ތަންތަނުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުލި ނުދައްކާ ތިބި ކަމަށާއި އެކި މީހުން ކުލި ނުދައްކަނީ އެކި ބަހަނާ ދައްކައިގެން ކަމަށެވެ. އޭގެ ތެރެއިން އެއް ބަޔަކު ބުނާގޮތުގައި ކުލި ނުދައްކަނީ ކުރީ ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ބިން ބެހުމުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެހާ ގިނަ ދުވަހު ކުލި ނުދައްކާ އޮތުމުން ގިނަ ބަޔަކު ބޮޑު ދަރަންޏެއް އޮތް ކަމަށާއި ސަރުކާރުން ކޮށްދިން ކަމަކީ އޭގެން ޖޫރިމަނާ މައާފުކޮށްދިނުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކުގެ ކުލި ނުދައްކާތީ އެޗްޑީސީއަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ. އެއީ އެ ފްލެޓް އެޅުމަށް ނަގާފައިވާ ބޮޑު ލޯނު ދައްކާނެ ފައިސާ ލިބުން ދަތިވާތީ އެވެ.