އައިޖީއެމްއެޗުގައި ކޯވިޑް-19 ވައިރަސް ދެނެގަތުމަށް މިހާތަނަށް ލައްކައަށްވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދައިފި އެވެ.

ކޮވިޑް-19 ވައިރަސް ހުރިތޯ ހަދާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން (ޕީސީއާރް) ޓެސްޓު ހެދުމަށް ނޭފަތާއި ކަރު ތެރެއިން ސާމްޕަލް ނަގައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ އައިޖީއެމްއެޗުގަ އެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުމުގެ ކުރިން، މިއަހަރުގެ ފެބްރުއަރީ މަހު މިޓެސްޓު ހެދޭނެ އިންތިޒާމު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ސަރުކާރުން އެ ހޮސްޕިޓަލުގައި ހަމަޖައްސައިފައިވާ ކަމަށެވެ. އަދި މާޗް 7، ގައި ކޮވިޑްގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނުނު ފަހުން 24 ގަޑިއިރު މެދުނުކެނޑި ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެ މަސައްކަތް ފުރަތަމަ ފަށައިގަތީ ތިން މުވައްޒަފުންގެ ޓީމަކުން ކަމަށެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ އަދަދު އިތުރުކޮށް މިހާރު ޕީސީއާރު ޓެސްޓް ހެދުމުގައި 22 މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށިއިރު ޓެސްޓިން ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓް ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ކޮންމެ 24 ގަޑިއިރަކު 1،500 ޕީސީއާރް ޓެސްޓަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއީ ސާމްޕަލް އެކްސްޓްރެކްޓް ކުރުމަށްޓަކައި ޒަމާނީ މެޝިންތަކާއި ޕީސީއާރު މެޝިންތައް އަދި ހަމަ އެހެންމެ އިތުރު މުވައްޒަފުންތަކެއް ތަމްރީން ކުރެވިގެން ދިޔުމުގެ ނަތީޖާ،" އައިޖީއެމްއެޗުން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށް ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭ ގޮތަށް މިހާތަނަށް 143،472 ސާމްޕަލް ވަނީ ނަގައިފަ އެވެ.