ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުރި މީހަކު ހިމެނޭހެން މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ގއ. ވިލިގިނލިން ހައްޔަރުކޮށްފި އެވެ.

މިރޭ ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ، ގއ. ވިލިނގިލި، ޝައްފާހު ލަތީފު 28އ އާއި މިޔުޒިކީއާގެ، ގއ. ވިލިނގިލި، އަޙްމަދު މަދީހު 33އ އާއި އައިޒަން، ގއ. ވިލިނގިލި، އަހުމަދު އަނާމް އިބްރާހީމް 30އ އަދި އަރާއިރުގެ، ގއ. ވިލިނގިލި، ނޫރުއްނިޒާމް 35އ ކަމަށެވެ.

އޭގެ ތެރެއިން އަހުމަދު އަނާން އިބްރާހީމް އަކީ މި ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްކަން ވަނީ އެނގިފަ އެވެ. އޭނާ އަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ. އަނާން އަކީ މީގެ ކުރިން ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ބުލީ ކުރި މައްސަލައެއްގައި ހިމެނުނު މީހެއް ކަންވެސް "ހުރިހާ" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފުލުހުން ހައްޔަރުކުރި އަނާން އަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް --- ފޮޓޯ: ސޯޝަލް މީޑިއާ

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާހު ލަތީފާއި އަހުމަދު މަދީހާއި އަހުމަދު އަނާމް އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއް ނިޒާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.