ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ދެމަފިރިއަކު ރާއްޖޭގައި ޑައިވިންއަށް ގޮސް އުޅެނިކޮށް މަރުވެއްޖެ އެވެ.

ޑެއަލީ މެއިލް ޔޫކޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެލައިދޫ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ މަފިރިން ޑައިވިންއަށް ގޮސް އުޅެނިކޮށް ހިނގި ހާދިސާއެއްގައި މަރުވެފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހު އެވެ.

ފާއިތުވި 17 އަހަރުވެސް ކްރިސްމަސް ފާހަގަކުރަން ރާއްޖެ އައި ދެމަފިރިން މިދިޔަ އަހަރުވެސް އައީ ކްރިސްމަސް ދުވަސްވަރާ ދިމާކޮށެވެ. ނަމަވެސް މި ދަތުރުވީ ދެމަފިރިންގެ ފަހު ދަތުރަށެވެ.

އެ ގޮތުން ޑިސެމްބަރު 19 ވަނަ ދުވަހު ދެމަފިރިން މޫދުން އޮޔާ ދަނިކޮށް ނެގި އިރު، 70 އަހަރުގެ އަންހެނުން އިލެއިން ރިޗްމަންޑް އޮތީ މަރުވެފަ އެވެ. އަދި 71 އަހަރުގެ މަލްކަމް ރިޗްމަންޑް މަރުވީ އެ ހާދިސާގައި ލިބުނު ގެއްލުމަށް ފަރުވާ ދެނިކޮށް އޭގެ ތިން ދުވަސް ފަހުން ހޮސްޕިޓަލުގަ އެވެ.

އެމީހުންގެ މަރާ ގުޅިގެން ޝައްކުކުރެވޭ ކަމެއް ފާހަގަ ނުވާކަމަށް ޑެއަލީ މެއިލް އިން ރިޕޮޓުކޮށްފައިވެ އެވެ. އަދި ދެމީހުންގެ ހަށިގަނޑު މިހާރު އިނގިރޭސިވިލާތައް ގެންގޮސް މި މަހު 29 ގައި ޖަނާޒާ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖެއަށް ވަރަށް ބޮޑަށް ލޯބި ޖެހިފައިވާ އެ ދެމަފިރިން ވަނީ މިދިޔަ އަހަރުވެސް ތިން ފަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އެމީހުން އަބަދުވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަނީ އެލައިދޫގަ އެވެ.