ގަވާއިދުން އަޕްޑޭޓްނުވާ މީޑިއާތައް ހިމެނޭހެން 40 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން 27.29 މިލިއަން ރުފިޔާ ސަރުކާރުން ބަހައިފި އެވެ.
ފައިސާ ދޭނެ މީޑިއާތައް ކަނޑައެޅީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުންނެވެ.
އިންފޮމޭޝަން މިނިސްޓްރީން ބުނީ މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު އެ މިނިސްޓްރީއަށް އެންގުމުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ފައިސާ ޖަމާކޮށްދީފައިވާނެ ކަމަށެވެ.
މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން އެންމެ ފުރަތަމަ ކުރަމުންދިޔައީ އިންފޮމޭޝަން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އެކަން ކުރިގޮތަށް އެތައް ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެ މިނިސްޓްރީގެ ނިންމުންތައް ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
ދެން އެ މަސައްކަތް ހަވާލުކުރީ ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރަން އުފައްދާފައިވާ ކޮމިޝަނާއެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް މިދިޔަ އަހަރު ނިމުމުގެ ކުރިން ފައިސާ ދޭންޖެހޭ ކަމަށް ބުނެ މިދިޔަ އަހަރު ނިމެން އުޅެނިކޮށް އެ ކޮމިޝަނުން ތެޅިފޮޅިގަތީ އެވެ.
ޖުމްލަ 40 މީޑިއާއަކަށް ފައިސާ ދޭން ނިންމިއިރު، އޭގެތެރޭގައި ގިނައީ ގަވާއިދުން އަޕްޑޭޓްނުވާ ނޫސްތަކެވެ. އަދި މީޑިއާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ފޮޓޯ ވިއްކުމުގެ ވިޔަފާރިކުރާ ކުންފުންޏަކަށް ވެސް އެތައް ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 200 އަށްވުރެ ގިނަ މީޑިއާތައް ތިބޭއިރު، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމަކީ އިންސާފުވެރިކޮށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިސޭޝަން (އެމްޖޭއޭ) އިން ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ރައީސް މުއިއްޒު ބޭނުންވަނީ ހައްގު ނޫންގޮތުގައި މީޑިއާތަކަށް ފައިސާދީގެން މީޑިއާތަކުގެ ކޮންޓްރޯލް ނަގަން ކަމަށް ގިނަ ބަޔަކު އަންނަނީ ބުމަމުންނެވެ.
އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކުން އެމެރިކާއިން ޓެރިފް ނަގަނީ
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަން ދެތިން ކަމެއް!
ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް
