އީރާނަށް އެމެރިކާއިން ވަރަށް އަވަހަށް ހަމަލާދޭން ފަށާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

އެމެރިކާއިން އިރާނަށް ހަމަލަތައް ދޭން ފަށާނެ ކަމަށް ރިޕޯޓުތައް ބުނަމުން އަންނަ މިދަނޑިވަޅުގައި އިޒްރޭލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް މިހާރު ހުރީ އެމެރިކާގައި މަޝްވަރާ ބައްދަލުވުމަކަށް ގޮސް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާއިން އިރާނަށް ހަމަލާ ދޭން ތައްޔާރުވާކަމުގެ އެންމެ ބޮޑު ހެއްކަކީ އެމެރިކާގެ އިންޒާރުތަކަށް ފަހު، ގަތަރުގެ އަލް އުދައިދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން ބައެއް ސިފައިން މިއަދު ނުކުންނަށް އަންގާފައި ވުމެވެ.

އަލް އުދައިދު އަސްކަރީ ބޭހަކީ މެދުއިރުމަތީގައި ހުންނަ، އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭހެވެ. އެތަނުގައި އެމެރިކާ ސިފައިންގެ ދިހަ ހާހެއްހާ މީހުން ތިބެ އެވެ.

ނަން ހާމަކުރަން ބޭނުންނުވާ ތިން ފަރާތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ މިރޭގެ ނިޔަލަށް އެ މަރުކަޒުން ބައެއް ސިފައިން ނުކުންނަށް އަންގާފައިވާ ކަމަށެވެ.

"އެއީ ގެނައި ބަދަލެއް. މިއީ މީހުން ހުސްކުރަން އެންގި އެންގުމެއް ނޫން،" އެއް ޑިޕްލޮމެޓަކު ރޮއިޓާސް އަށް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މިއީ ކީއްވެ ގެނައި ބަދަލެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ގަތަރުގެ ފޮރިން މިނިސްޓްރީއަކުން އަދި ވާހަކައެއް ނުދައްކަ އެވެ.

އީރާންގައި މުޒާހަރާކުރާ މީހުން މަރަމުން ގެންދާތީ އީރާނަށް ހަމަލާ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވާއިރު، އީރާނުން މިއަދު ވަނީ އެމެރިކާއިން ހަމަލާ ދީފި ނަމަ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އިޒްރޭލުގެ ލަފާކުރުންތަކަށް ފަހު ބުނެފައި ވަނީ އީރާންގެ މައްސަލައިގެ ތެރެއަށް ސީދާ ގޮތުން ވަނުމަށް ޓްރަމްޕު ނިންމަވާފައިވާ ކަމަށާއި އެކަމަކު ހަމަލާދޭނެ މިންވަރަކާއި ވަގުތެއް އަދި ކަށަވަރު ނުވާ ކަމަށެވެ.

މިދިޔަ އަހަރު އީރާނަށް އިޒްރޭލުން ހަމަލާދޭން ފެށުމުން ރައްދުގައި އީރާނުން ދިން ހަމަލާތަކުގައި ވެސް ވަނީ ގަތަރުގައި ހުންނަ އެެމެރިކާގެ ބޭހަށް ހަމަލާ ދީފަ އެވެ.

އީރާންގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިދާރާގެ އެންމެ މަތީ ވެރިޔާ އަލީ ލަރިޖާނީ ގެންދަވަނީ ގަތަރުގެ ފޮރިން މިނިސްޓަރާއި ޔޫއޭއީ އާއި ތުރުކީގެ އޮފިޝަލުންނާ ވެސް ވާހަކަ ދައްކަވަމުންނެވެ.