ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ އަކީ އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށާއި އެހެންވެ އެތަން މޮރިޝަސްއާ ހަވާލުކުރަން އިންކާރު ކުރާ ކަމަށް ބުނެ ރާއްޖޭން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ފޮނުވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެކަން ގަބޫލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޯގަސްޓް 22، 2022 ގައި މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން އެ ގައުމަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
ތުރުކީގެ "އަނަދުލު" ނިއުސް އެޖެންސީއަށް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ދިން ޖަވާބުގައި ބުނީ މޮރިޝަސްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ޗާގޯސްގެ އެންމެ ބޮޑު ރަށް އަދި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމާޔަތްކުރުމަށް ވަރަށް ހަރުކަށި މާއްދާތަކެއް ހިމަނާފައިވާ ކަމަށެވެ. އެއީ ޑިއެގޯ ގާސިއާ އެގޮތުގައި ދެމެހެއްޓޭނެކަން ކަށަވަރުކުރަންޖެހޭތީކަން ފޮރިން އޮފީހުން ފާހަގަކުރި އެވެ.
"އެއްބަސްވުމުން އެ މަރުކަޒު އެތައް ޖީލަކަށް ހިމާޔަތްކޮށްދީ އެކި ނުރައްކާތަކުން، ވަރަށް ފުޅާ ދާއިރާއެއްގައި ހިމާޔަތް ހޯދުމަށް އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އެތަން ދެމި އޮންނާނެ."
ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިނގިރޭސި ވިލާތުން ގަބޫލުކޮށް ދޫކޮށްލި ނަމަވެސް އެއްބަސްވެފައިވަނީ ޑިއެގޯ ގާސިއާ 99 އަހަރަށް އިނގިރޭސި ވިލާތަށް ކުއްޔަށް ދިނުމަށެވެ.
އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސް އަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ވަނީ ބާލުވާފަ އެވެ.
އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
"ނިންމުންތަކަށް އިހުތިރާމް ނުކުރާނަމަ ކުލަބު ދޫކޮށް ދާންވީ
