މަލިކަކީ އަސްލު އިންޑިއާގެ ތަނެއް ކަމަށް ދައްކަން ކުރެވޭ މަސައްކަތަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އެއީ ތާރީހީ ގޮތުން ދިވެހީންގެ ތަނެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާގެ ބައެއް ނޫސްވެރިން މަލިކަކީ އެމީހުންގެ ތަނެއް ކަމަށް ދައްކަން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މަލިކަކީ އިންޑިއާގެ ތަނެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ނޫސްވެރިން ވެސް ތާރީހު ބަލަން ޖެހޭ ކަމަށެވެ.
"އާއެކޭ، މަލިކަކީ ދިވެހީންގެ ތަނެކޭ. މަލިކަކީ ދިވެހީންގެ ތަނެކޭ އިނގޭތޯ. ދިވެހިރާއްޖެ އެންމެ ފުރަތަމަ ކިޔަނީ މަލިކައްޑޫ އަތޮޅު. މަލިކުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މިހުރީ ދިވެހިރާއްޖެ," ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި މަލިކަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ހިނގި ތަނެކެވެ. އަދި މިއަދުވެސް މަލިކު މީހުން ދިވެހި ބަހުން ވާހަކަ ދައްކަނީ އެ ސަބަބަށްޓަކައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މަލިކަކީ އޭރު ހިނގާދިޔަ ކަންތައްތަކެއްގެ ތެރޭގައި ނުވަވަނަ ހަސަން ރަސްގެފާނު ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތްވުމަށް ކުރި މަސައްކަތުގެ ތެރެއިން ބަދަލެއްގެ ގޮތުގައި އިންޑިއާއަށް ދީފައިވާ ތަނެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މަލިކުގެ އަސްލު އޮރިޖިން އަކީ ދިވެހީން ކަމަށް ތަކުރާރު ކުރައްވަމުން ޔާމީން ވިދާޅުވީ، މަލިކަކީ ދިވެހިންގެ ތަނެއްކަން އިންޑިއާ މީހުންނަށްވެސް އެނގެން ވާނެ ކަމަށާއި އަދި އެއީ އެ މީހުންގެ ނޭޓިވް ތަނެއް ނޫން ކަމަށާއި އެއީ ދިވެހީންގެ ތަނެއް ކަމަށެވެ.
މަލިކު ގެއްލުނީ ޕޯޗްގީޒުންގެ ސަބަބުން ކަމަށާއި، އެކަމުގައި ކުރެވޭނެ ކަމެއް އޮތްތޯ ބަލައި، ލިބުނު ގެއްލުމުގެ ބަދަލު ހޯދިދާނެ ގޮތްތަކެއް އޮތްތޯ ބެލިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، މިފަދަ މައްސަލަތައް ބަލާނެ ކޯޓުތަކާއި އެކަންކަން ސާބިތުކުރެވޭނެ ލިޔުންތައް އެބަހުރި ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުން ވެސް އެމީހުންގެ ތާރީހަށް ރުޖޫއަވެ، ކަންކަން ހިނގާފައިވާ ގޮތް ބަލަން ޖެހޭ ކަމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
2022ގެ ވޯލްޑް ކަޕްގައި ދެއްކި ޖުވާގެ އިސްތިހާރުތަކުގެ ނުފޫޒު ބޮޑު
އެޗްޓީއެސް ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ލިސްޓުން އުނިކޮށްފި
ރޮނާލްޑޯއަށް ވައިޓް ހައުސްއަށް ވަދެވުނީ ވެސް ސައުދީގެ ސަބަބުން