އަވަށްޓެރި ސްރީލަންކާގައި ބުޅަލުގެ ފަރާތުން ރޭބީސް ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފި އެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރޭބީސް އަކީ އާއްމުކޮށް މަގުމަތީގައި އުޅޭ ކުއްތާއަށް ޖެހޭ ބައްޔެއް ނަމަވަވެސް، މިފަހަރު ރިޕޯޓްކޮށްފައިވާ ގިނަ ހާދިސާތައް ހިނގާފައިވަނީ ގޭގޭގައި އޮޅުކޮށްގެން ގެންގުޅޭ ބުޅާ ފަދަ ޖަނަވާރުގެ ފަރާތުންކަމަށް ވާތީ، އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރޭބީސް ބައްޔަކީ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ ކުއްތާ، ބުޅާ، ގެރި އަދި އަސް ފަދަ ޖަނަވާރު ދަތްއެޅުމުގެ ސަބަބުން ނުވަތަ ވަކިއެޅުމުގެ ސަބަބުންނެވެ.
ސްރީލަންކާގެ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެޤައުމުގައި އަހަރަކު 250,000 އާއި 300,000 އާ ދެމެދުގެ އަދަދަކަށް ކުއްތާ ދަތްއެޅުމުގެ ހާދިސާތައް ރިޕޯޓްކުރެ އެވެ.
މިނިސްޓްރީ އޮފް ހެލްތުގެ އެޕިޑިމިއޮލޮޖީ ޔުނިޓުގެ ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒީޝަން، ޑރ. އަތުލާ ލިޔަނަޕަތިރަނާ ވިދާޅުވި ގޮތުގައި، ޖަނަވާރުންގެ ސިކުނޑީގެ ސާމްޕަލްތައް ލެބޯޓްރީގައި ޓެސްޓުކުރުމުން ބުޅަލުގެ ފަރާތުން ރޭބީސް ފެތުރޭ މިންވަރު ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައިވާކަން ވަނީ ހާމަވެފަ އެވެ.
ޑރ. ލިޔަނަޕަތިރަނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހާއްސަކޮށް ކޮލަމްބޯ އަދި ގަމްޕަހާ ސަރަހައްދުތަކުގައި ބުޅާ ދަތްއެޅުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ބުޅާ ވަކިއެޅުމަކީވެސް ދަތްއެޅުމާ އެއްވަރުގެ ނުރައްކާތެރި ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، އެއްވެސް ޖަނަވާރަކު ދަތްއެޅިޔަސް ނުވަތަ ވަކިއެޅިޔަސް، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ގޭގޭގައި ގެންގުޅޭ ޖަނަވާރުންނަށް ދޭންޖެހޭ ވެކްސިންތައް ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން އާންމުންނަށް ވަނީ އިރުޝާދު ދީފަ އެވެ.
ކަފާލާތުގެ ދަށުން ރާޖްޕާލް މިނިވަންވެއްޖެ
ޓްރަމްޕްގެ ވީޑިއޯ ހުރިކަމަށް ބުނެ އިރާންގެ ހެކަރުންގެ އިންޒާރެއް
ހިޔާ ޓަވަރުތައް ވެސް ކުނި އަޅާ ގޮނޑުކުރަނީ