އާއިލާގެ ހިމާޔަތާއެކު މަސައްކަތްތެރި ވެއްޓެއްގައި ބޮޑުވުމަކީ ބޮޑު ނިއުމަތެކެވެ. އެ ވެށީގައި ބޮޑުވާ ކުދިންނަށް ކެތްތެރިކަމާއި، ހިތްވަރު އަދި ހުނަރު ދަސްވެ އެވެ. މަސައްކަތް ކުރުމަށް ހިތް ޖެހެ އެވެ. މިއީ ވެސް އެފަދަ މާހައުލަކުން އުފަންވި ހުނަރުވެރި އާއިލާ ފަޚުރުވެރިވާ ފަދަ މަސައްކަތްތެރިއެކެވެ.
ކ. ދިއްފުއްޓަށް އުފަން، އެ ރަށު ނިވައިދޮށުގޭ މުހައްމަދު މުޖާޒު (މުޖާޒު )އަށް މަސައްކަތުގެ ދާއިރާއަށް ޝައުގުވެރި ވެވުނީ އޭނާގެ ބައްޕަ، އަލީ މަންސޫރު ނަމޫނާއަކަށް ބެލުމުގެ ސަބަބުންނެވެ. މުޖާޒް ބޮޑުވަމުން ދިޔައީ ބައްޕަގެ ފަރާތުން އެކި ހުނަރު ދަސްކުރަމުންނެވެ. އޭނާގެ ބައްޕަ އަކީ ކެޔޮޅެކެވެ. އަދި އޮޑި ހަރުގެތަކުން ބޯޓު ބަނުމުގެ ގިނަ ހުނަރު ދަސްކޮށްފައިވާ ވެސް މީހެކެވެ. މަހުން އައިސް ލިބޭ ހުސް ވަގުތުތަކުގައި ކުދި ދޯނި ހެދުމުގެ މަސައްކަތް އޭނާ ކުރެ އެވެ. އެ މަސައްކަތުގައި އުޅޭއިރު މުޖާޒު ގެނެސްގެން ދޯނި ކުރެހުމަށާއި ލަކުޑިން ދޯނި ހަދަން ދަސްކޮށްދެ އެވެ.
މުޖާޒުއަކީ މޮޅު ކުރެހުންތެރިއެކެވެ. ހާއްސަކޮށް ކާޓޫނު ކުރެހުމަށެވެ. ބައްޕަ ބުނާ ގޮތަށް ދޯންޏެއް ކުރަހާލުމަކީ ދާދި ފަސޭހަ ކަމެކެވެ. ދޯނި ކުރެހުމުގެ އިތުރުން ބައްޕަ ހަދާ ދޯނިތަކުގައި ދަވާދުލުމުގައި ވެސް އޭނާ އެހީތެރިވެ އެވެ.
"ބައްޕަ ކިޔައިދޭ ދޯނި ހެދުމަށް ލަކުޑި ފިލާ ކަފާނެ ގޮތް. ފިލާ އޮމާން ކުރާނެ ގޮތް. ކުދި ދޯނި ހަދަން ބައްޕަ ވަރަށް މޮޅުވާނެ. އަޅުގަނޑުގެ ބައްޕަ 1990 ގައި ރާއްޖޭގައި ބޭއްވި މައުރަޒަކަށް ހެދި ދޯންޏަކަށް އެފަހަރު އެއްވަނަ ވެސް ލިބުނު. އެ ދޯނި ފަހުން ރައީސް އޮފީހުގައި ބައިންދާފައި ހުންނަތަން ޓީވީ އިން ފެނޭ،" މުޖާޒު ބުންޏެވެ.
ބައްޕަ ކައިރިން ދޯނި ހަދަން ދަސްކުރި ފަހުން އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ އަހުމަދު ޝިޔާޒު ޓީޝާޓްތަކެއް ޕެއިންޓް ކުރުމުގައި އެހީތެރިވުމަށް އެދުނެވެ. އޭރު މުޖާޒް އަކީ އަދި ދިއްފުށީ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރެކެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް ޝައުގުވެރި ވާތީ ސްކޫލަށް ދަމުން ޓީޝާޓް ޕެއިންޓް ކުރުމުގައި ބައިވެރިވި އެވެ.
ޕެއިންޓް ކުރަން ލިބުނު އެ ޓީޝާޓްތަކަކީ ކ. މީރުފެންފުއްޓަށް ޒިޔާރަތް ކުރާ ގެސްޓުންނަށް ވިއްކުމަށް ތައްޔާރު ކުރާ ޓީޝާޓްތަކެކެވެ. އެ މަސައްކަތުގެ ތެރެއިން މުޖާޒަށް ފެންކުލައި ޓީޝާޓް ޕެއިންޓް ކުރަން ދަސްވި އެވެ.
"މީރު ފެންފުއްޓަށް ގެންދިއުމަށް ޓީޝާޓްގެ އިތުރުން ކެންވަސް ވެސް ޕެއިންޓް ކުރިން. ގާތްގަނޑަކަށް އެއްފަހަރާ 200 އާއި 300 އާއި ދެމެދުގެ އަދަދަކަށް ޓީޝާޓް ޕެއިންޓް ކުރަން ލިބޭ އެ ފަހަރު. ނަމަވެސް ގަވައިދުން އޯޑަރު ނުލިބޭ،" އޭނާ ބުންޏެވެ.
ސްކޫލް ނިމުމަށްފަހު އޭނާ ބޭނުންވީ ޓީޝާޓް ޕެއިންޓް ކުރުމުގެ އެ މަސައްކަތުގައި ކުރިއަށް ދިއުމަށެވެ. ނަމަވެސް ލިބޭ އޯޑަރު އިތުރު ކުރަން މާކެޓްކުރާކަށް އޭރު ނޭނގެ އެވެ. އެ ދުވަސްވަރަކީ ސޯޝަލްމީޑިއާ ތައާރަފްވެފައި ނުވާ ދުވަސްވަރެވެ. ވީމާ ލިބޭ އޯޑަރު މަދުވުމުގެ ސަބަބުން އެ މަސައްކަތް ހުއްޓާލި އެވެ. ދެން އޭނާ ނިންމީ ބައްޕަ އާއެކު މަހަށް ދިއުމަށެވެ. މަސްވެރިކަމުގައި 10 އަހަރު އޭނާ ހޭދަކުރި އެވެ.
"މަހަށް ދިޔަ ނަމަވެސް އަމިއްލަ މަސައްކަތެއް ފެށުމުގެ ވިސްނުން ހުރޭ. އޭރު ނެތް ލަކުޑީގެ މަސައްކަތް ކުރުމުގެ ވިސްނުމެއް. ނުވަތަ ވަޑާން ކުރުމުގެ ވިސްނުމެއް ވެސް،" މުޖާޒް ބުންޏެވެ.
ސައިނޭޖް އަދި ލަކުޑީގެ މަސައްކަތް ފެށުން
އޭގެ އަހަރުތަކަކަށް ފަހު ދިއްފުށީގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވާން ފަށައި، "އިންޓީރިއާ" މަސައްކަތް ކުރާނެ މީހުންގެ ބޭނުން ޖެހެން ފެށި އެވެ. އަދި ދިއްފުށީގައި އެޅި "އަމީރާ" ގެސްޓް ހައުސްގެ ނަންބޯޑު ހެދުމަށް ފުރަތަމަ ފަހަރަށް މުއާޒާ ހަވާލު ކުރި އެވެ.
މުއާޒު އެންމެ ފުރަތަމަ ލަކުޑީގެ މަސައްކަތް ކުރީ އަތުގައި އޮތް ކަރަންޓު ބުރުމާއަކުންނެވެ. އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދިން މީހަކީ އޭނާގެ ބައްޕަ އެވެ. އެގޮތުން "ޖިގްސޯ" ކީހެއް މުޖާޒްއަށް އޭނާގެ ބައްޕަ ގަނެދިނެވެ. އަދި ފިލާގެ ކައިރިތައް ކަފަންވީ ގޮތާއި، ކީލި ހުންނަ ފަޅިއަށް ވިސްނައިގެން ވަޅި ޖައްސަން ޖެހޭ ގޮތް ވެސް ބުނެދިނެވެ. އެ މަސައްކަތުގެ ތެރޭގައި އުޅުނުއިރު އޭނާ އެ މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދުނެވެ.
އަމީރާ ގެސްޓްހައުސްގެ ނަންބޯޑު މުޖާޒު ހަރުކުރީ ވަރަށް ހިތްހަޖެހިގެން ހުރެ އެވެ. އެއަށްފަހު "އަރާމު ހޮލިޑޭ އެންޑް ސްޕާ" އާއި އިތުރު ގެސްޓް ހައުސްތަކުގެ ސައިނޭޖްތައް އޭނާ ހެދި އެވެ.
އޭނާގެ މަސައްކަތަށް ބޮޑު ހީނަރުކަމެއް ކުއްލިއަކަށް އައީ ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ. އެ ހާލަތުގައި އުޅެނިކޮށް އޭނާގެ ދެބެންގެ ދެދަރިކުއްޖެއް ކަމަށްވާ "ރަޝް ފޮޓޯ" ހަސަން ރަޝީދު، މުޖާޒު ސޯޝަލް މީޑިއާއަށް ތައާރަފް ވުމަކޮށް މަގުފަހިކޮށްދިނެވެ.
"އޭނާގެ ފަރާތުން ސޯޝަލް މީޑިއާގެ ވަރަށް ގިނަ ކަންތައް އެނގިގެން ދިޔަ. ވަރަށް ގިނަ އިރުޝާދު ލިބުނު. އިންސްޓާ، ފޭސްބުކް، ޓުއިޓާ އެކައުންޓް އޭނާގެ އެހީތެރިކަމާއެކު ހުޅުވިން. އެ ޕޭޖްތަކަށް ފޮޓޯ އާއި ވީޑިއޯ ލާން ފެށުމުން މީހުންގެ ތަރުހީބު ލިބެން ފެށި، އަޅުގަނޑުގެ މަސައްކަތަށް ރަޝް ހަސަން އަދި ބައްޕަ ވެސް ވަރަށް ތައުރީފު ކުރޭ. އޭގެ އިތުރުން އަޅުގަނޑުގެ ވަރަށް ގާތް މީހެއް އުޅޭނެ. އެއީ އިބްރާހިމް ރަޒީލް. އޭނާ އަޅުގަނޑަށް ތެދުއި ވަޑާން ކިޔައިދިން. އަދި އަޅުގަނޑުގެ ވޯކްޝޮޕް ހެދުމުގައި ވެސް އެހީތެރި ވެދިން،" ވަރަށް އުފަލާއެކު މުޖާޒް ބުންޏެވެ. މިއަދު އޭނާގެ މަސައްކަތް ސޯޝަލް މީޑިއާގައި ހިންގުމަށް ހަވާލުވެ ހުރީ އޭނާގެ ކޮއްކޮ އެވެ.
މުޖާޒްގެ މަސައްކަތް މީހުން އެންމެ ބޮޑަށް ބަލައިގަތީ ލިބުނު އޯޑަރަކަށް ރެސިން ބޯޑެއް ހަދައި ދިނުމުންނެވެ. އެ ބޯޑު ހެއްދި ފަރާތް ފަހުން ވަނީ އޭނާގެ މަސައްކަތް މާކެޓް ކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެފަ އެވެ.
މުޖާޒުގެ މަސައްކަތް އިޓަލީއާ ހަމައަށް
ދިއްފުށްޓަށް އައި އިޓަލީ މީހަކު ވެސް މުޖާޒުގެ މަސައްކަތް ރީތިވެގެން އިޓަލީގައި ހުންނަ އޭނާގެ ކެފޭއެއްގައި ހަރުކުރަން ނަންބޯޑެއް ހަދަން ހަވާލުކުރި އެވެ. މުޖާޒު ވަނީ އެ ނަން ބޯޑުގެ މަސައްކަތް ވެސް ވަރަށް ފުރިހަމައަށް ނިންމައިދީފަ އެވެ.
މިއަދު މުޖާޒް ވަނީ ސައިނޭޖް އަދި ލަކުޑީގެ މަސައްކަތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަ އެވެ. މި މަސައްކަތަށް ނުކުންނަން ބޭނުންވާ ކުއްޖަކަށް އޭނާ ދޭ ނަސޭހަތަކީ ހިސާބު އިލްމަށް މޮޅުވުމަށެވެ. އެއީ އެ މަސައްކަތުގައި ހިސާބު އިލްމު ބޭނުންކުރަން ޖެހޭތީ އެވެ.
މުޖާޒުގެ މަސައްކަތުގައި އަބަދުވެސް އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ އޭނާގެ އާއިލާކަން އުފާލާއެކު ފާހަގަކުރެ އެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި މިއަދު އޭނާގެ ކިބައިގައި ސައިނޭޖް އަދި ލަކުޑީގެ މަސައްކަތް އެންމެ ފެންވަރު ރަނގަޅަށް ކުރުމުގެ ގާބިލްކަން އެބަހުއްޓެވެ. ކޮންމެ ކަމެއް ވެސް ކުރަން އުޅެފި ނަމަ ކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. މިހާރު ވެސް ހުރީ އެގޮތުގައި ސާބިތުވެ އެވެ. އޭނާގެ އުންމީދަކީ އެ މަސައްކަތުގައި އިތުރަށް ކުރިއަރައި ދިއުމެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި އޭނާގެ ނަމުގައި ސައިނޭޖް މަސައްކަތް ކުރާ ވޯކްޝޮޕްތައް ހުޅުވިގެން ދިއުމެވެ.
ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީރަޖިސްޓާ ކުރުން މާދަމާ ހަމަވާނެ
ރޯދަ ވީއްލުމަށްފަހު ގިނަގިނައިން ދިޔާ ތަކެތި ބޯން އާދަކުރޭ!