ދިވެހިރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބާތިލްކުރުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް އަލުން ހުށަހަޅައިފި އެވެ. މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ތިމާވެށީގެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުލްޣަފޫރު އާއި މުހައްމަދު ސީނީންގެ ފަރާތުންނެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް، އެކަމާ ގުޅޭ އުސޫލު ސަރުކާރުން އާންމުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ ނިންމުމާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ހައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް، އޭރު ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެގޮތަށް ނިންމެވީ ކަށިމިޔަރުގެ މަސްވެރިކަމުގެ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް ނޫން ކަމަށް ބުނެ، އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، މި މަހުގެ ދެވަނަ ދުވަހު މި މައްސަލަ އަލުން ވަނީ ކޯޓަށް ވައްދާފަ އެވެ. ނަމަވެސް، މި ފަހަރު މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ކަށިމިޔަރު މަސްވެރިކަމުގެ އުސޫލުތައް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އަހަރަކު ގިނަވެގެން ހަތް މަސްދުވަހަށެވެ. އަދި މި މަސްވެރިކަމަށް ލައިސަންސް ދޫކުރާނީ އެންމެ ގިނަވެގެން 40 އުޅަނދަށެވެ. މީގެ އިތުރުން، މި މަސްވެރިކަން ކުރަންވާނީ ހަމައެކަނި އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައި ކަމަށާއި، އެތެރެވަރީގައި މިފަދަ އެއްވެސް ހަރަކާތެއް ހިންގުން ވަނީ މަނާކޮށްފަ އެވެ.

ގަވާއިދުގައިވާ ގޮތުން، ބުޅީގައި ޖެހޭ ކަށިމިޔަރު ބަނދަރަށް ގެންނަންވާނީ އޭގެ ހަށިގަނޑުން އެއްވެސް ބައެއް ވަކިނުކޮށް، މުޅި މިޔަރު އޮތްގޮތަށެވެ. ބަނދަރަށް ގެނައުމުގެ ކުރިން އެއްވެސް ވަރަކަށް ޕްރޮސެސްކުރުމަކީ މަނާކަމެކެވެ.

ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ ކަންބޮޑުވުންކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރުމާ ގުޅިގެން ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ދެކޮޅަށް ތައްޔާރުކުރި ޕެޓިޝަނެއްގައި ބުނެފައިވަނީ، މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށީގެ ކަންކަމުގައި ރާއްޖެއިން ކުރާ ވަކާލާތަށް ލިބޭނެ ބާރެއް ކަމަށެވެ.