އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަގްސާ މިސްކިތުގައި، ރަމަޟާން މަހުގެ އިޝާ ނަމާދާއި ތަރާވީހް ނަމާދު ކުރުމަށް އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 50،000 ފަލަސްތީނު ރައްޔިތުން ޖަމާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގުދުސް ގަވަރުނަރޭޓުން ހާމަކޮށްފައިވާ ގޮތުގައި، މިހާ ގިނަ އަދަދެއްގެ މީހުން މިސްކިތަށް ޖަމާވެފައިވަނީ އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓްތަކާއި، މިސްކިތުގެ ދޮރުމަތީގައި ހުރި ހަރުކަށި އައިޑެންޓިޓީ ޗެކްތަކާ އެކުވެސް ކުރިމަތިލަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުން މި އަހަރުގެ ރަމަޟާން މަސް ފާހަގަކުރަމުންދަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި ނުތަނަވަސް ކަމުގެ ތެރޭގައި އިސްރާއީލުގެ ވަޒަންވެރިންގެ ހަމަލާތަކާއި، އިސްރާއީލު ސިފައިން ހިންގާ ރޭޑްތަކާއި ހައްޔަރުކުރުންތައް ވަނީ އިތުރުވެފަ އެވެ. ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގުދުސްގެ 300 އަށްވުރެ ގިނަ ރައްޔިތުންނަށް ރަމަޟާން މަހު އަލްއަޤްޞާ މިސްކިތަށް ވަނުން މަނާކޮށް އިސްރާއީލުން ވަނީ އަމުރު ނެރެފަ އެވެ.
މީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ ގުދުސްގައި އެމީހުންގެ އަސްކަރީ ބާރުތައް ވަރުގަދަކޮށް، މިސްކިތަށް ވަދެވޭނެ އުމުރުފުރާތައް ކަނޑައަޅާފަ އެވެ. އެގޮތުން މިސްކިތަށް ވަނުން ހުއްދަކޮށްފައިވަނީ 12 އަހަރުން ދަށުގެ ކުދިންނަށާއި، 55 އަހަރުން މަތީގެ ފިރިހެނުންގެ އިތުރުން 50 އަހަރުން މަތީގެ އަންހެނުންނަށެވެ.
ވޭތުވެދިޔަ ބުދަ ދުވަހުން ފެށިގެން، ހާހުން ފަލަސްތީނު ރައްޔިތުން ދަނީ ގަލަންޑިޔާ އަދި ބެތުލެހެމް ފަދަ ސަރަހައްދުތަކުގައި ހުރި އަސްކަރީ ޗެކްޕޮއިންޓްތަކުގައި ކިއޫ ހަދަމުންނެވެ. މީގެ ބޭނުމަކީ ކޮންމެ ގޮތަކުން ނަމަވެސް އަލްއަޤްޞާ މިސްކިތުގައި ކުރެވޭ ނަމާދުތަކުގައި ބައިވެރިވުމެވެ.

ރަމަޟާން މަހުގެ ރޯދަ ހިފާ ޣައިރު މުސްލިމުން ގިނަވަނީ!
ރޯދަ ވީއްލާއިރު ކެއުން ގެންގުޅެން ޖެހޭނީ ކިހިނެއް؟
ތާރީހުގެ ސަފުހާތަކުން: ރާއްޖޭގައި ރޯދަ މަހަކީ އަންހެނުންގެ މަހެއް