އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ ޔަހޫދީ އާބާދުވުމެއްގައި، އެމެރިކާގެ ކޮންސިއުލާ އޮފިޝަލުން ފުރަތަމަ ފަހަރަށް ޕާސްޕޯޓް ހިދުމަތް ދިނުމަށް ނިންމައިފި ކަމަށް އެމެރިކާގެ އޮފިޝަލުން އަންގާރަ ދުވަހު ހާމަކުރައްވައިފި އެވެ. މިއީ ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ އެމެރިކާ ރައްޔިތުންނަށް އަމާޒުކޮށްގެން މިފަދަ ހިދުމަތެއް އެ ސަރަހައްދުގައި ދޭ ފުރަތަމަ ފަހަރެވެ.

ގުދުސްގައި ހުންނަ އެމެރިކާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ބެތްލެހެމްގެ ދެކުނުން އޮންނަ އެފްރާތު އާބާދުވުމުގައި އަންނަ ހުކުރު ދުވަހު ޕާސްޕޯޓް ހިދުމަތް ދޭނެ ކަމަށެވެ. މީގެ އިތުރުން ރާމަﷲ އާއި ބައިތަރު އިލިތު ފަދަ ސަރަހައްދުތަކުގައި ވެސް މިފަދަ ހިދުމަތްތައް ދިނުމަށް ވަނީ ރޭވިފަ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލުން ހުޅަނގު އައްސޭރީގައި ހަދާފައިވާ އާބާދުވުންތަކަކީ ޣައިރު ގާނޫނީ ތަންތަން ކަމަށް ގިނަ ގައުމުތަކުން ބަލާއިރު، އިޒްރޭލުން އެކަން ދޮގުކުރެ އެވެ. ފަލަސްތީނުގެ ރައްޔިތުން އުއްމީދު ކުރަނީ ހުޅަނގު އައްސޭރިއަކީ ކުރިމަގުގައި އުފެދޭ މިނިވަން ދައުލަތެއްގެ ބައެއް ކަމުގައި ހެދުމަށެވެ. ނަމަވެސް، ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ސަރުކާރުން ދަނީ ފަލަސްތީނުގެ ބިންތައް އަތުލުމަށް މަގުފަހިވާ ފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

އެމެރިކާގެ އެމްބަސީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މިއީ ހުޅަނގު އައްސޭރީގެ އާބާދުވުމެއްގައި ކޮންސިއުލާ ހިދުމަތް ދޭ ފުރަތަމަ ފަހަރެވެ. އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު- އެމެރިކާގެ ދެގައުމުގެ ރައްޔިތުންނަށް ވެސް މިފަދަ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ހުޅަނގު އައްސޭރީގައި އެމެރިކާ އާއި އިޒްރޭލުގެ ރައްޔިތުކަން އޮންނަ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ކަމަށް އަންދާޒާ ކުރެވެ އެވެ.

އިޒްރޭލުގެ ކެބިނެޓުން ދާދި ފަހުން ވަނީ ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ވަރުގަދަކޮށް، އާބާދުވުންތައް ހަދާ ފަރާތްތަކަށް ބިން ގަތުމަށް ފަސޭހަވާނެ ގޮތްތަކެއް ފާސްކޮށްފަ އެވެ. ފަލަސްތީނުން މިކަން ސިފަކުރަނީ "ދި ފެކްޓޯ އެނެކްސޭޝަން" ނުވަތަ އަމަލީ ގޮތުން ބިންތައް ފޭރިގަތުން ކަމަށެވެ. މިހާރު ވެސް ހުޅަނގު އައްސޭރީގައި 500،000 އަށްވުރެ ގިނަ އިޒްރޭލު މީހުން ދިރިއުޅެމުންދެ އެވެ.