މިއީ ހުރިހާ ގޮތަކުން ވެސް ލުއި ބުއިމެއް. ނޭނގި ނަމަވެސް ޒަމާނުއް ސުރެ ދިވެހި ހާރަށް ބޭނުން ކުރަމުން އައީ މި ފައިދާ ހުރި ބުއިން. މާބޮޑު ހަރަދެއް ނުކޮށް ތައްޔާރުކޮށްލެވޭ މި ބުއިމުން ގިނަ ފައިދާތަކެއް ކުރާކަން ސިއްހީ މާހިރުން މިއަދު ބުނޭ. ހާއްސަކޮށް ރޯދައަށް ހުންނަ އިރު މިބުއިން ބޭނުން ކުރުމުން ހަށިގަނޑުގައި ވަރުޖައްސާ. ހަށިގަނޑަށް ފެން ލިއްބައިދޭ. ހަޖަމުގެ މައްސަލަތަކުން ދުރުކޮށްދޭ. އަދި ފައިދާހުރި މާއްދާތައް ހަށިގަނޑަށް ލިއްބައިދޭ.

ބަތްޕެނަކީ ޒަމާނުއްސުރެ ދިވެހީންގެ ހާރު ސުފުރާމަތި ފަޅުފިލުވި އަދި މިހާރު ވެސް ގިނަ ބަޔަކު ބޭނުން ކުރަމުންދާ ބުއިމެކެވެ. އާންމުކޮށް ބަތްޕެން ބޯ މީހުން ދެކޭ ގޮތުގައި ހާރުދަމަށް ބަތްޕެން ފޮދެއް ބޯލުމުން ހަށިގަނޑަށް ލުއިވެލައި ހަމަޖެހިލަ އެވެ.

މި ސަގާފީ ބުއިން ހާރަށް ރަނގަޅުވާ ސަބަބުތައް ގިނަކަން ފާހަގަ ކުރެވެ އެވެ. ފުރަތަމަ ކަމަކީ ފައިދާހުރި ކާނާގެ ބައިތައް ހިމަނައިގެން ބަތްޕެން ކައްކާ ކަމެވެ. އެއީ ތައްޔާރު ކޮށްލަން ފަސޭހަ ހަރަދު ކުޑަ ވެސް ބުއިމެކެވެ. މައިގަނޑު ގޮތެއްގައި ބަތްޕެނުގައި ހިމަނަނީ ހަނޑޫ، އަދި ފެނެވެ. ބައެއް މީހުން ރަހަ މީރު ކޮށްލުމަށް ހަކުރު، ލޮނު އަދި ކިރު ވެސް ބޭނުންކޮށް އުޅެ އެވެ.

ބަތްޕެން ފޮދެއް ބޯލުމާއެކު އޭގައި ހިމެނޭ ހަނޑުލުގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިއްބައި ދޭން ފަށަ އެވެ. ހަކުރު އަދި ކިރު ހިމެނުމުން މުޅި ދުވަހު ހަކަތަ ލިބިލިބި ހުރުމަށް އެހީ ވެދެ އެވެ.

ބަތްޕެން: ހާރުދަމަށް މީރު އަދި ފައިދާހުރި ބުއިމެއް

ބަތްޕެނުގައި ހުންނަ ދެވަނަ ފައިދާއަކީ އޭގައި ހިމެނޭ ހަނޑޫ ހިމުންވެފައި މަޑުވުމުގެ ސަބަބުން ހަޖަމުކުރާ ނިޒާމަށް ފަސޭހަވެފައި ލުއިވުމެވެ. އޭގެ ސަބަބުން ގިނަ ވަގުތު ހުސް ގޮހޮރާ ހުރުމަށް ރަނގަޅު ކާނާއަކަށް ވެ އެވެ. މެއިން ދިލަނެގުން ފަދަ ހަޖަމުގެ އުނދަގޫތަކުން ރައްކައުތެރި ކޮށްދެ އެވެ. ރޯދައަށް ހުންނައިރު ހާރުދަމަށް ބަތްޕެން ބޭނުން ކުރުމުން ވަރުބަލިކަމާއި ކަރު ހިއްކުން ފިލުވައިދެ އެވެ. އަރުތެރެ ހިކުމުން ސަލާމަތްކޮށްދެ އެވެ.

ހާރަށް ބަތްޕެން ބޭނުން ކުރުމުން ހަށިގަނޑަށް ފެން ލިއްބައި ދިނުމަކީ، މިދުވަސްވީ ސަގާފީ ބުއިމުން ލިބޭ ތިންވަނަ ފައިދާ އެވެ.

ކާނާއާ ބެހޭ މާހިރުން ލަފާދޭ ގޮތުގައި ބަތްޕެނަށް "ފުލް ކްރީމް" ކިރު އަދި "ޕިސްޓާޗިއޯ' ފަދަ ބަދަން އެއްކުރުމަކީ ހަށިގަނޑަށް ލިބޭ ފައިދާ އިތުރު ކުރުމަށް ކުރެވިދާނެ ކަމެކެވެ. އޭގެ ސަބަބުން ކެލްސިއަމް، ޕްރޮޓީންސް އަދި ވިޓަމިން ބީ ހަށިގަނޑަށް ލިބި ކަށިތަކަށް ފައިދާވެ، ހަކަތަ އުފައްދަ އެވެ.

ރާއްޖޭގައި ބައެއް މީހުން ކާށި ކިރު ފޮދަކާއި ހަކުރު ކޮޅެއް ބަތްޕެނަށް އެއްކުރާކަން ފާހަގަ ވެ އެވެ. އަދި ބަތްޕެނުގެ ތަފާތު ވައްތަރުތައް ވެސް ކައްކާކަން ފާހަގަ ކުރެވެ އެވެ.

ތިރީގައި މިހިމަނާލަނީ ރާއްޖޭގައި ބަތްޕެން ކެއްކުމަށް އެންމެ މަޝްހޫރު ރަށްކަމުގައިވާ ބ. އޭދަފުށީގައި އެބުއިން ތައްޔާރުކުރާ ގޮތެވެ.

ބޭނުން ވާތަކެތި:

  • ½ 1 ޖޯޑު ޅަހަނޑޫ (4-3 ދުވަހު އަވީލައި ފައި)
  • 3 އިންޗީގެ 3ބުރި ރާނބާފަތް
  • 2 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް:

ހަނޑޫ ކޮޅު ފެން ފޮދަކަށް އަޅާފައި ބަހައްޓާށެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ވުމުން ހަޑޫ ކޮޅު ދޮވެލާށެވެ. ހަނޑޫ ކޮޅު މިހާރު ހުންނާނީ ސާގުފުށް މަޑުވީމަ ހުންނަހެން މަޑުވެލާފަ އެވެ. ދެން ރާނބާފަތް ކޮޅުލައިގެން ކައްކަން އުދާށެވެ. ކައްކާނީ މަޑު ގިނީގަ އެވެ. ފެން ފޮދު ހިނދެން ކައިރިވީމައި، އަނެއްކާ ވެސް ފުރަތަމަ އެއްކުރި ވަރަށް ވުރެ ބައި ޖޯޑުފެން އިތުރަށް އަޅައިގެން ކައްކާލާށެވެ.

މިފަހަރު ކައްކާނީ އޮލަވަން ދެނެވެ. 15 ވަރަކަށް މިނެޓުން އޮލަވާނެ އެވެ. ބަތްޕެނާއެކު އޭދަފުށީގައި އާންމުކޮށް ބޭނުން ކުރަނީ މަސްކުރޮޅި އެވެ.

ރެސިޕީ: އަޒީޒާ މޫސާ، ފެންއާރު، ބ. އޭދަފުށި