މިދިޔަ އަހަރަކީ ދުނިޔޭގެ ތާރީހުގައި ވެސް ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އަހަރު ކަމަށާއި، އެ އަހަރު މަރާލި 129 ނޫސްވެރިންގެ ތެރެއިން ތިންބައިކުޅަ ދެބައި ނޫސްވެރިން މަރާލާފައިވަނީ އިޒްރޭލުން ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފި އެވެ.

މިއީ ސީޕީޖޭ އިން މިފަދަ ތަފާސްހިސާބުތައް އެއްކުރަން ފެށި ފަހުން، ޖެހިޖެހިގެން ނޫސްވެރިން މަރާލި އަދަދު ރެކޯޑް މިންވަރަކަށް އިތުރުވި ދެވަނަ އަހަރެވެ. ސީޕީޖޭގެ ސީއީއޯ ޖޯޑީ ގިންސްބާގް ވިދާޅުވީ، މައުލޫމާތު ހޯދުމުގެ މުހިންމުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ނޫސްވެރިން މަރަމުންދަނީ ރެކޯޑް އަދަދަކަށް ކަމަށެވެ. އަދި ނޫސްވެރިން މެރުމަކީ އެންމެންނަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސީޕީޖޭގެ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު މަރާލި ނޫސްވެރިންގެ 75 އިންސައްތައަށް ވުރެ ގިނަ މީހުން މަރާލާފައި ވަނީ ހަނގުރާމައިގެ މައިދާންތަކުގަ އެވެ. މީގެ ތެރެއިން އިޒްރޭލުގެ ހަމަލާތަކުގައި މަރުވި 86 ނޫސްވެރިންގެ ތެރެއިން 60 އިންސައްތައަށް ވުރެ ގިނައީ ގާޒާގައި މަސައްކަތް ކުރަމުންދިޔަ ފަލަސްތީނުގެ ނޫސްވެރިންނެވެ. ނަމަވެސް އިޒްރޭލް ސިފައިން ބުނަމުންދަނީ އެ މީހުން ގަސްތުގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށެވެ.

މިދިޔަ އަހަރު ނޫސްވެރިން މަރާލުމަށް ޑްރޯން ބޭނުންކުރި މިންވަރު އިތުރުވެފައިވާކަން ސީޕީޖޭ އިން ފާހަގަކުރެ އެވެ. އެގޮތުން 39 ހާދިސާއެއްގައި ޑްރޯން ބޭނުންކޮށްފައިވާއިރު، އޭގެ ތެރެއިން 28 ހަމަލާއެއް އިޒްރޭލުން ގާޒާގައި ދީފައިވެ އެވެ. މީގެ އިތުރުން ޔޫކްރެއިން އާއި ސޫދާނުގައި ވެސް ނޫސްވެރިން މަރާލި އަދަދު ވަނީ އިތުރުވެފަ އެވެ. ޔޫކްރެއިންގައި ރަޝިޔާގެ ޑްރޯން ހަމަލާތަކުގައި ހަތަރު ނޫސްވެރިން މަރުވެފައިވެ އެވެ.

ނޫސްވެރިން މަރާލާ މީހުންނަށް އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތެއް އޮތުމަކީ ނޫސްވެރިން އިތުރަށް ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށް ސީޕީޖޭ އިން ބުނެ އެވެ. މެކްސިކޯގައި މަރާލި ހަ ނޫސްވެރިންގެ މައްސަލަ އަދިވެސް ހައްލު ނުވެ އޮތްއިރު، ފިލިޕީންސްގައި ތިން ނޫސްވެރިއަކު ވަނީ ބަޑިޖަހާ މަރާލާފަ އެވެ. އަދި ކޮރަޕްޝަނުގެ ހަބަރުތައް ރިޕޯޓްކުރުމާ ގުޅިގެން ބަންގްލަދޭޝް، އިންޑިއާ އަދި ޕެރޫ ފަދަ ގައުމުތަކުގައި ވެސް ގިނަ އަދަދެއްގެ ނޫސްވެރިން މަރާލާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.