އީރާނުން ފޮނުވާލި "ޝަހީދު ކަމިކާޒޭ" ޑްރޯނެއް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އިމާރާތަކަށް އެރުމާ ގުޅިގެން އެއާޕޯޓުން މީހުން ހުސްކުރަން ފަށައިފި އެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަމަލާގައި މަދުވެގެން ހަތަރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެއާޕޯޓުގެ އެލާމްތައް އަޅަމުންދާއިރު ފަސިންޖަރުންނާއި އެއާޕޯޓުގައި މަސައްކަތް ކުރަަމުންދާ މުވައްޒަފުން ދަނީ އެއާޕޯޓުގެ އެ އިމާރާތުން ނުކުންނަމުންނެވެ. މީގެ އިތުރުން، ޒަހަމްވެފައިވާ ފަސިންޖަރުން ޓާމިނަލް ތެރޭގައި ދުވާ މަންޒަރުތަކާއި، ޑިއުޓީ ފްރީ ފިހާރަތަކާއި ގޭޓް ސަރަހައްދުތަކުން ދުމާއި ކުނިބުނި ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.
ދުބާއީ އެއާޕޯޓްސްގެ ތަރުޖަމާނަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންކޯސްއަކަށް ގެއްލުން ލިބިފައިވާ" ކަމަށާއި، ނަމަވެސް އެ ކަން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި، އަނިޔާވި ހަތަރު މުވައްޒަފުންނަށް ފަރުވާ ދެމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އީރާނުން ސަރަހައްދުގެ އެކި ގައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދޭން ފެށުމާ ގުޅިގެން، ހޮނިހިރު ދުވަހުން ފެށިގެން ދުބާއީއަށް ކުރާ ހުރިހާ ފްލައިޓް ދަތުރުތަކެއް ވަނީ މެދުކަނޑާލާފަ އެވެ. އެމިރޭޓްސް އެއާލައިނުން ވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ހުރިހާ ދަތުރުތަކެއް ހުއްޓާލާފައިވާކަން އިއުލާނުކޮށްފަ އެވެ. ދުބާއީގެ އިތުރުން ބަހްރޭން، ކުވެއިތު، ގަތަރު އަދި ޔޫއޭއީގެ އެހެން ސަރަހައްދުތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހޮނިހިރު ދުވަހުގެ ރޭ ޑްރޯން ހަމަލާތަކެއް އަމާޒުވި ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. މީގެ ކުރިން ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޝާހިދު ޑްރޯނެއް އަރައި، އެއާޕޯޓަށް ގެއްލުންވެ ބައެއް މުވައްޒަފުންނަށް ވަނީ އަނިޔާވެފަ އެވެ.
ޑުބާއީގެ އެއާޕޯޓަކީ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އަދި އެންމެ ގިނައިން މީހުން ދަތުރުކުރާ އެއާޕޯޓެވެ. އަދި ދުބާއީ އެއާޕޯޓަކީ ޔޫރަޕުން ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ޓްރާންސިޓް ކުރާ ތަނެކެވެ.

މެދުއިރުމަތީގައި ތިބި ދިވެހިން ރަޖިސްޓްރީވާން އެދިއްޖެ
އަބޫދާބީ އާއި ކުވައިތަށް ވެސް ހަމަލާދީފި
ބަހުރޭނުގައި ގޮވުންތަކެއް، ގަތަރުން މިސައިލެއް ހުއްޓުވައިފި