އދ. ދިގުރަށުގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު މަރުވެ، ދެ މީހަކު ޒަހަމްވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، މި ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކަމާބެހޭ އިދާރާތަކަށް ހާދިސާއަށް ހަ ދުވަސް ފަހުން މިއަދު އަންގަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަހްމާނަށާއި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ. އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ މި ހާދިސާގައި މަރުވެދިޔަ މީހުންނާއި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކާ އެކުގައިކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ. އަދި މި ކަން ފުރިހަމައަށް ތަހުގީގުކުރުމަށާއި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގައުމުގައި އެފަދަ ބޮޑު ހާދިސާއެއް ހިނގައި ފުރާނަތަކެއް ގެއްލުނުއިރު، ހަ ދުވަސް ވަންދެން ސަރުކާރާއި ރައީސް އަދި ނައިބު ރައީސްގެ އިތުރުން ސަރުކާރު ހިންގާ ޕާޓީންވެސް އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި ނުވެއެވެ.
ގޭސް ލީކުވެގެން ހިނގި މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ބަންގްލަދޭޝަށް ފޮނުވާފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންބޮޑުވުމެއް އޮތްތޯ ކަށަވަރުކުރުމަށް ފުރިހަމަ އެސެސްމަންޓެއް ހަދަމުންދާ ކަމަށް ބުނެފަ އެވެ.

މުއްސަނދިގެން ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް
ހަމަލާއަކާ ގުޅިގެން ދުބާއީ އެއާޕޯޓުން ފްލައިޓްތައް ކެންސަލްކޮށްފި