އިއްޒުއްދީން މަގުގައި ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ގުދަނުން ދުން އަރާ ކަމުގެ މައުލޫމާތު ލިބުމާ އެކު 10:00 ހާއިރު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން އެތަނަށް ދިޔައިރު ވެސް ވަނީ ގުދަނުގައި އެއްކޮށް ރޯވެފަ އެވެ. އެ ވަގުތުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ނަމަވެސް ކެމިކަލާ އެކު ރޯވި ގަދަ އަލިފާނުގައި ހިނދުކޮޅެއްގެ ތެރޭ ގުދަން ވަނީ އަނދައި ހުލިވެފަ އެވެ.

ރޯވެފައިވަނީ ޕްރައިމް ގޯޑައުންގައި އެވެ. އެތަނަކީ ގަސްކާނާ އާއި ކެމިކަލް ރައްކާކުރާ ގުދަނެކެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިންތިހާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގަ އެވެ. އެހެންކަމުން މިވަގުތައް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އެ އަލިފާންގަނޑު ނިއްވާލީ އެމްއޭސީއެލްގެ ފަޔާ ލޮރީން ފޯމު ޖަހައިގެންނެވެ.

އަލިފާންގަނޑު ރޯވިތާ ދޮޅު ގަޑިއެއްހާއިރު ފަހުން ނިއްވާލެވިފައި ވިޔަސް މާލެ ތެރެއަށް ވިހަ ދުން ވަރަށް ބޮޑަށް ވަނީ ފެތުރިފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު ގެޔަކުން މީހުން ހުސްކޮށްފަ އެވެ. އެކަމަކު މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް އަދި ނެތެވެ. އަދި އަލިފާންގަނޑު އެހެން ތަނަކަށް ފެތުރިގެންނެއް ވެސް ނުދެ އެވެ.

މިއަދު ހެނދުނު ވެސް ވަނީ ގަލޮޅު މޯޗަރީ ކައިރީގައި ހުރި ހަނިގޯޅިއެއްގައި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެފަ އެވެ. އެތަނުން އަލިފާން ކޮންޓްރޯލްވިއިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މި ރޯދަ މަހު އަލިފާނުގެ އެކި ހާދިސާތައް ހިނގާފައި ވާއިރު އދ. ދިގުރަށުގައި ވަނީ ބިދޭސީން އުޅޭ ގެއެއްގެ ރޯވެ ފަސް މީހަކު މަރު ވެސް ވެފަ އެވެ.